އެއް އަހަރުގެ މެދުކެނޑުމަކަށްފަހު "ނޭކުރެންދޫ ސްޕޯޓްސް ފިއެސްޓާ" ޑިސެމްބަރު މަހު ބާއްވަން ނިންމައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
2024 ވަނަ އަހަރު ބޭއްވި ސްޕޯޓްސް ފެސްޓިވަލްގެ ތެރެއިން ---
ހދ. ނޭކުރެންދޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ސިލްސިލާކޮށް ބާއްވަމުން އަންނަ "ބީސާދަ ސްޕޯޓްސް ފިއެސްޓާ" މިއަހަރު ބޭއްވުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
މި ފިއެސްޓާ ބޭއްވުމަށް ފާސްކުރީ ނޭކުރެންދޫ ކައުންސިލުގެ 5 ވަނަ ދައުރުގެ 12 ވަނަ އާންމު ޖަލްސާއިންނެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 3 މެންބަރުންގެ އިއްތިފާގުން ވަނީ މިއަހަރުގެ މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައެވެ. ނޭކުރެންދޫގައި ކުޅިވަރަށް ލޯބިކުރާ ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ މި ކުޅިވަރު އީދު ފެށުމަށް ކައުންސިލުން ނިންމާފައިވަނީ މިއަހަރުގެ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހުއެވެ.
މިދިޔަ އަހަރު އެހެން އަހަރުތަކާ ޚިލާފަށް، މުޅިން އަލަށް "ޓޯޓަލް ބޮޑު ފުޓްބޯޅަ މުބާރާތެއް" ބޭއްވުމަށް ކައުންސިލުން އިއުލާނުކުރި ނަމަވެސް، އެކި ސަބަބުތަކާހުރެ މިދިޔަ އަހަރު އެ މުބާރާތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އޭގެ ކުރީ އަހަރުތަކުގައި މި ފިއެސްޓާގެ ތެރެއިން އާންމުކޮށް ކުރިއަށްގެންގޮސްފައިވަނީ ފުޓްސަލް މުބާރާތްތަކެވެ. އެހެންކަމުން، މިދިޔަ އަހަރު މުބާރާތް މެދުކެނޑުމަށްފަހު މިއަހަރު އަލުން ފަށާއިރު، ކުރިއަށްދާނީ ކޮން ކުޅިވަރެއްކަން ކައުންސިލުން އަދި ރަސްމީކޮށް ހާމައެއް ނުކުރެއެވެ.
މި ފިއެސްޓާއަކީ ނޭކުރެންދޫގައި ބާއްވާ އެންމެބޮޑު އެއް ކުޅިވަރު ހަރަކާތެކެވެ. މުބާރާތް ބާއްވާނެ ރަސްމީ ތާރީޚު ކަނޑައެޅުމާ އެކު، މިއަހަރު ހިމެނޭނެ ކުޅިވަރުތަކާއި، ގަވާއިދުތަކުގެ އިތުރުން ޓީމުތައް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ކައުންސިލުން ކުރިއަށް އޮތް ދުވަސްތަކުގައި ހުޅުވާލާނެ ކަމަށް ބެލެވެއެވެ.
ސްކޫލް ބަންދާއި ބޮޑު ޗުއްޓީއާ ދިމާކޮށް ބާއްވާ މި ފިއެސްޓާ ވެގެންދާނީ ނޭކުރެންދޫއަށް ވަރަށް ފޯރިގަދަ އަދި ކުލަގަދަ ކުޅިވަރުގެ އީދަކަށެވެ.
ޚަބަރު ލިޔުނީ: ޢަލީ ރިޔާޟު - ރަށުރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް