Post banner
ރާއްޖެ

ފިނޭންސް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ނަމަވެސް ހުންނެވީ ރައީސް ޑރ މުޢިއްޒާއި އެކު ގަދަކޮށް ކަމުގައި ޒަމީރު ވިދާޅުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފިނޭންސް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ނަމަވެސް ހުންނެވީ ރައީސް ޑރ މުޢިއްޒާއި އެކު ގަދަކޮށް ކަމުގައި ޒަމީރު ވިދާޅުވެއްޖެ

މޫސާ ޒަމީރު --

ފިނޭންސް މިނިސްޓަރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވި ނަމަވެސް ހުންނަވާނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެކުގައި ކަމަށާއި، މަންޒަރުން ނުގެއްލޭނެ ކަމުގައި ކުރީގެ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒަމީރު މިހެން ވިދާޅުވީ، މިރޭ ޕީއެންސީން އެޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޭގެ ޖަލްސާގައިވެސް މޫސާ ޒަމީރު ވިދާޅުވީ، މަޤާމުން އިސްތިއުފާ ދެއްވީ އަމިއްލަފުޅު ސަބަބުތަކަށްޓަކައި ކަމަށެވެ.

އަދި މިދޭތެރެއިންވެސް މަހެއްހައި ދުވަހު ވަޒީފާ އާއި ދުރުގައި ހުންނަން ޖެހުނުކަން މިނިސްޓަރ ޒަމީރު ފާހަގަކުރެއްވިއެވެ.

"މިކަހަލަ ހާލަތެއްގައި އަޅުގަނޑު އެތަން ހިސޯރުކޮށްގެން، އަޅުގަނޑަށް މިވަގުތު އެތާނގައި (ފިނޭންސް މިނިސްޓްރީގައި) ގިނަ ދުވަހު ނުހުރެވޭ ކަހަލަ ދިމާލަކަށް އަޅުގަނޑު ޞިއްޙީ ހާލަތު ހުރިގޮތުން ދާންޖެހޭ އިރުވެސް، އަޅުގަނޑު އޭގައި ބައްދައިގެން (މަޤާމް ދޫކޮށް ނުލައްވައި) ހުންނާކަށް ނުވާނެ ދެއްތޯ؟ އެއީ ޕާޓީއަށް އަޅުގަނޑަށް ކޮށްދެވޭ ރަނގަޅު ކަމެއް ނޫން ދެއްތޯ އެއީއަކީ." ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ، ޤާބިލް ބޭފުޅުން އެބަތިބި ކަމަށާއި އެބޭފުޅުންނަށް ފުރުޞަތު ލިބޭ ގޮތަށް އޮންނަން ޖެހޭ ކަމަށެވެ. އަދި އެއްފަރާތްވެލި ނަމަވެސް، ޕާޓީއަށް ބޭނުން ޖެހޭ ދުވަހެއްގައި އަބަދުވެސް ޕާޓީއާއި އެކުގައި ހުންނަވާނެ ކަމުގައި ޒަމީރު ވިދާޅުވިއެވެ.

"އަޅުގަނޑު މިހިރީ ހަމަ ވަރަށް ގަދަކޮށް، ރައީސް މުއިއްޒު އާއި އެކުގައި. އެމަނިކުފާނު އަޅުގަނޑާއި ހަވާލުކުރައްވާ މަސައްކަތް ކުރަން." ޒަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު ކަމުގެ މަޤާމުން މޫސާ ޒަމީރު އިސްތިއުފާ ދެއްވީ، އަންގާރަ ދުވަހުގައެވެ. އިސްތިއުފާ ދެއްވީ، ޞިއްޙީ ސަބަބުތަކަށްޓަކައި ކަމުގައި ސަރުކާރުންވެސް އަދި ޒަމީރުވެސް ވިދާޅުވި ނަމަވެސް، ޕީއެންސީގެ ބައެއް ބޭފުޅުން ވިދާޅުވީ، ޒަމީރު އިސްތިއުފާ ދެއްވީ، ރައީސް ޑރ، މުޙައްމަދު މުޢިއްޒު އަންގަވައިގެން ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް