މާލެ ސަރަހައްދުގައި ހިމަބިހި ފެތުރުން ހަލުވިވެ މިމަހު 9 މީހުންނަށް ބަލިޖެހިއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރާއްޖޭގައި ހިމަބިހި ފެތުރޭ މިންވަރު ހަލުވިވެ މިދިޔަ ހަފްތާގައި އިތުރު 5 މީހުންނަށް ބަލި ޖެހިއްޖެއެވެ.
އެޗްޕީއޭއިން މިރޭ ހާމަކޮށްފައިވާ ގޮތުގައި މިދިޔަ ހަފްތާގައި ހިމަބިހި ޖެހުނު އެއްމެންނަކީވެސް މާލެ ސަރަހައްދުން ބަލިޖެހުނު 5 މީހުންނެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ޖުމުލަ 20 މީހަކަށް ވަނީ ބަލިޖެހިފައެވެ. އޭގެ ތެރެއިން 9 މީހުންނަކީ މި ޖޫންމަހު ބަލި ޖެހުނު މީހުންނެވެ.
ކުޑަކުދިންގެ ޑރ. ފައިސަލް ސޯޝަލް މީޑިއާގައި ހާމަކުރައްވާފައިވާ ގޮތުގައި، މިއަހަރު މިހާތަނަށް ހިމަބިހި ޖެހުނު 2 ކުޑަކުއްޖަކު ވަނީ ނިޔާވެފައެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ ގޮތުން އެޗްޕީއޭއިން ރަސްމީ ސިފައެއްގައި މައުލޫމާތު ހާމައެއް ނުކުރެއެވެ. އަދި ބަލި ޖެހެމުން އަންނަ އުމުރު ފުރާތަކާއި މިހާތަނަށް މިބަލީގައި ނިޔާވެފައިވާ މީހުންގެ އަދަދެއްވެސް އެޗްޕީއޭއަކުން ހާމައެއް ނުކުރެއެވެ.
ހިމަބިއްސަކީ، ރާއްޖެއިން މުޅިން ނައްތާލެވިފައިވާ ކަމަށް، ދުނިޔޭގެ ސިއްޙަތުޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާ ބައްޔެކެވެ. މިބަލި ރާއްޖެއިން ނައްތާލާފައި ވަނީ އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ޖަހައިގެންނެވެ.
ރާއްޖޭގައި ހިމަބިހި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، އަވައްޓެރި ޤައުމުތަކުގައިވެސް މިބަލި ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް ހަލުވިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް