Post banner
ރަށްރަށުން

ތުޅާދޫ ބަލިކޮށް ދޮންފަނު ގުރޫޕް ބީގެ 1 ވަނައަށް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ތުޅާދޫ ބަލިކޮށް ދޮންފަނު ގުރޫޕް ބީގެ 1 ވަނައަށް

މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ދޮންފަނު ޓީމްގެ ޖަރޒީ ނަމްބަރ 8 އަޙްމަދު އިފްހާމް ---

އެފް އޭ އެމް ފުޓްސަލް އެޓޯލް ޗެންޕިއަންޝިޕް ބ އަތޮޅު ބުރުގެ ގުރޫޕް ބީގައި މިރޭ ކުޅެވުނު ތުޅާދޫ އަދި ދޮންފަނު މެޗް 2 - 4 ގެ ނަތީޖާއަކުން ދޮންފަނު ޓީމުން ކާމިޔާބުކޮށްފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުން ފެހެންދޫ ކައިރިން ފަހަތުންއަރާ މޮޅުވެ 3 ޕޮއިންޓާއި އެކު މެޗަށް ނިކުމެފައިވާ ތުޅާދޫ ޓީމްގެ ގޯލަށް ފުރަތަމަ ހާފްގައި ދޮންފަނު ޓީމުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

މެޗްގެ ފުރަތަމަ ގޯލް ދޮންފަނު ޓީމަށް ކާމިޔާބުކޮށްދިނީ 17 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން އާރް އާރް ސީ އަށް 2 އަހަރު ކުޅެފައިވާ އީރާންގެ ކުޅުންތެރިޔާ ޖަރޒީ ނަމްބަރ 23 މޮންތަޒެމީ މޮހްސެންއެވެ.

ތުޅާދޫ ޓީމުން ނަތީޖާ ހަމަހަމަ ކުރީ ފުރަތަމަ ހާފްގެ ފަހު ވަގުތުގައި ޖަރޒީ ނަމްބަރ 13 އީމާން އިލްޔާސްގެ ހިތްގައިމު ގޯލަކުންނެވެ.

ފުރަތަމަ ހާފް ނިމިގެން ދިޔައީ 1 - 1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ދެވަނަ ހާފްގައި މެޗްގެ 29 ވަނަ މިނެޓްގައި ދޮންފަނުގެ ޖަރޒީ ނަމްބަރ 19 ޙަސަން ޒަރީރު ގޯލެއް ޖަހާ އަނެއްކާވެސް ލީޑް ނަގާފަ ވަނިކޮށް 31 އަދި 32 ވަނަ މިނެޓްގައި އެޓީމްގެ ޖަރޒީ ނަމްބަރ 8 ކެޕްޓަން އަޙްމަދު އިފްހާމްގެ 2 ގޯލުން ލީޑް ފުޅާކުރިއެވެ.

ފޯރިގަދަ ކުޅުމަކަށްފަހު، މެޗްގެ ފަހު މިނެޓްގައި ތުޅާދޫ ޓީމްގެ އީމާން ދޮންފަނުގެ ގޯލަށް ފޮނުވާލި ހަމަލާ ގޯލް ޕޯސްޓްގައި ޖެހި ރިބައުންސް ގައި އައި ބޯޅަ ގޯލަށް ވައްދާލައިގެން ޖަރޒީ ނަމްބަރ 21 ޙަސަން ނާއިލް ފަރަގު ކުޑަކޮށްދިނެވެ. މިމެޗުގައި ދެޓީމަށް ވެސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ.

މިމެޗް ނިމިގެން ދިޔައީ 2 - 4 އިން ދޮންފަނު ޓީމުން މެޗު ކާމިޔާބުކޮށްގެންނެވެ .މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދޮންފަނު ޓީމްގެ ޖަރޒީ ނަމްބަރ 8 އަޙްމަދު އިފްހާމްއެވެ.

މިދެޓީމުން ވެސް މިހާތަނަށް 3 ޕޮއިންޓް ހޯދާފަވީ ނަމަވެސް މިނަތީޖާއާއި އެކު ދޮންފަނު ޓީމަށް ގުރޫޕް ބީގެ 1ވަނަ ލިބިފަ މިވަނީ ފައިދާ 2 ގޯލުންނެވެ.

މިމުބާރާތުގެ ކުޅުން ދެން އޮންނާނީ 10 އޮގަސްޓް ވާ ހޯމަ ދުވަހުގައެވެ. ގޮއިދޫ އަދި މާޅޮސް މެޗް އެދުވަހު ހަވީރު 16:45 ގައި ކުޅުމަށް ތާވަލް ކުރެވިފައިވާއިރު، ފެހެންދޫ އަދި ދޮންފަނު ބައްދަލު ކުރާ މެޗް ކުޅޭނީ އެރޭ 20:30 ގައެވެ.

ޚަބަރު ލިޔުނީ: ޙަސަން ސާތިޢު - ރަށުރިޕޯޓަރ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް