މޫދު އަޑިން ޕޮލިސް އޮފިސަރުގެ ހަށިގަނޑު ނެގި ޑައިވަރުންނަށް ޝުކުރުއަދާކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުލުސް އޮފިސަރުގެ ހަށިގަނޑު މޫދުއަޑިން ނެގި ދެ ޑައިވަރުން -- ފޮޓޯ: ޕޮލިސް
ފުލުހުންގެ ލޯންޗު 57އިން ގެއްލުނު، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް، އަޙްމަދު އާސިފުގެ ހަށިގަނޑު މޫދުގެ އަޑިން ނަގައިދިން ޑައިވަރުންނަށް، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިހުސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ޝުކުރު އަދާކުރައްވައިފިއެވެ.
ރޭ ދަންވަރު، ފުލުހުންގެ ލޯންޗު 57އިން ގެއްލުނު، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް، އަޙްމަދު އާސިފުގެ ހަށިގަނޑު މޫދުގެ އަޑީގައި އޮއްވައި ނަގައިދީފައި ވަނީ، އާއްމު ދެ ޑައިވަރުން ކަމަށްވާ، ކ. ގާފަރު، ބްލޫ ހެވަން، އަޙްމަދު ފައިޞަލް އާއި އއ. އުކުޅަސް، މީރާޒް، ޞައްދާމު އަޙްމަދެވެ.

މި ދެ ޑައިވަރުންނަކީ، 2026 ޖޫން 11 ވީ ދުވަހުގެ ފަތިހުގެ ވަގުތެއްގައި، ފުލުހުންގެ ލޯންޗު 57 ގައި ރަސްމީ ޑިއުޓީގައި އުޅުނު ފުލުހަކު ގެއްލުމާ ގުޅިގެން، އެ އޮފިސަރު ހޯދުމަށާއި ހަށިގަނޑު ރިކަވަރ ކުރަން ކުރެވުނު މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރި ދެ ޑައިވަރުން ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވެއެވެ.
ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މިނިސްޓަރާއި ކޮމިޝަނަރ މިއަދު ވަނީ އެ ދެ ޑައިވަރުންނަށް ވަކިވަކިން ފޯނުން ގުޅުއްވައި، އެ ނާޒުކު ވަގުތުގައި އަމިއްލައަށް އިސްނަންގަވައިގެން އެހީތެރިވެދެއްވި ކަމަށްޓަކައި، އެ ބޭފުޅުންގެ އަމިއްލަ ނަންފުޅުގައާއި ފުލުހުންގެ މުއައްސަސާގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެހީތެރިކަމަކީ، ދިމާވާ ހާދިސާތަކުގައި ދިވެހި މުޖުތަމައުން ފެންނަ އެއްބައެއްވަންތަކަމާއި އޯގާތެރިކަމުގެ މަތިވެރި ނަމޫނާއެއްކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، މި އޮޕަރޭޝަނުގައި އެ ދެ ޑައިވަރުން ފޯރުކޮށްދިން އެހީތެރިކަމަކީ ވަރަށް އަގުހުރި މަސައްކަތެއްކަން ފާހަގަކުރައްވައި، ކުއްލި ހާލަތްތަކުގައި ސަލާމަތީ ހިދުމަތްތަކާއި، އާންމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަންވެސް މިނިސްޓަރާއި ސީޕީ ފާހަގަކުރައްވާފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވެއެވެ.
ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް، އަޙްމަދު އާސިފު ގެއްލުމާއި އަދި އޭނާގެ ހަށިގަނޑު މޫދުއަޑިން ފެނުނު ހާދިސާ އާއި ގުޅޭ ގޮތުން މިހާތަނަށް ފުލުހުން ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް