މާފުށީ ޖަލުގައި ބެގޭޖް ސްކްރީން މެޝިނެއް ބަހައްޓައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހޯމް މިނިސްޓަރ ޢަލީ އިޙްސާން، ބެޖޭގް މެޝިންގެ ރިބަން ކަނޑުއްވައި ދެއްވުން --- ފޮޓޯ: ކަރެކްޝަނަލް ސަރވިސް
މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ބެހޭޖް ސްކްރީން މެޝިނެއް ބަހައްޓައިފިއެވެ.
މި މެޝިން ބޭނުން ކުރަން ފެށުމުގެ ގޮތުން މިއަދު ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައި ވާއިރު، ބެގޭޖް ސްކްރީން މެޝިންގެ ރިބަން ކަނޑުއްވައި ދެއްވީ، ހޯމް މިނިސްޓަރ ޢަލީ އިޙްސާނެވެ.
މިއަދު މާފުށީ ޖަލުގައި ބޭނުން ކުރަން ފެށި މި މެޝިނަކީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހަދިޔާކުރި މެޝިނެކެވެ. ކަރެކްޝަންސްގެ އޮފިސަރުންނަށް މިމެޝިން ބޭނުންކުރާނެ ގޮތުގެ ތަމްރީންދީފައި ވަނީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީންނާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކަމުގައިވެސް ކަރެކްޝަންސްއިން ވިދާޅުވެފައި ވެއެވެ.

ކަރެކްޝަންސްއިން ވިދާޅުވީ، މި މެޝިން ބޭނުންކުރާނީ، ޤައިދީންނާއި ބަންދުމީހުން ޖަލަށް އަލަށް އަންނަ އިރު ގެންނަ ތަކެއްޗާއި، އެފަރާތްތަކަށް ޢާއިލާއިން ފޮނުވާ ތަކެއްޗާއި، ޢާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތަކަށް ޖަލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތަކެތި ސްކްރީން ކުރުމަށް ކަމަށެވެ.
ޖަލަށް ވެއްދުން މަނާތަކެތި ޖަލަށް ވައްދާ މައްސަލަ ބޮޑުވެފައި ވާއިރު، އެފަދަ ކަންކަމުގައި ކަރެކްޝަންސްގެ އޮފިސަރުންވެސް ޝާމިލްވެފައިވާކަން މީގެ ކުރިން ހިނގާފައިވާ އެފަދަ މައްސަލަތަކުން ހާމަވެފައި ވެއެވެ. ޖަލަށް ޑްރަގާއި، މޯބައިލްފޯނު ފަދަތަކެތި ވަގަށް ވައްދާ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް