އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓު ވެއްޓުނު ހާދިސާގައި 8 މީހުން މަރުވި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ބޯޓުވެއްޓުނު ސަރަހައްދު --
ބޮން އެޅުމަށް އެމެރިކާ އަސްކަރިއްޔާއިން ބޭނުންކުރާ، ބީ-52 މަރުކާގެ އަސްކަރީ މަތިންދާބޯޓެއް އެޑްވަރޑް އެއާބޭސްއިން ފުރިތަނުން ވެއްޓުނު ހާދިސާގައި، އެމެރިކާގެ ވައިގެ ސިފައިންގެ 8 މީހުން މަރުވިކަމުގައި އެމެރިކާގެ ރަސްމީ ފަރާތްތަކުން ބުނެފިއެވެ.
އިއްޔެ މި ބޯޓުވެއްޓުނީ، ކެލިފޯނިއާގައި އޮންނަ އެޑްވަރޑް އެއާބޭސްއިން ފުރިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި، އެ އެއާބޭސްގެ ސަރަހައްދުގެ ތެރެއަށެވެ. ބޯޓުވެއްޓި ބިންމަތީގައި ޖެހުމާއެކު ބާރުގަދަ ގޮވުމާއި އެކު ބޯޓުގައި ވަގުތުން ރޯވިއެވެ. އެއާބޭސްގެ ފަޔަފައިޓަރުން އަލިފާން ނިވާލުމުގެ މަސައްކަތް ކުރި ނަމަވެސް، އަލިފާންގަނޑު ނިވުނުއިރު ބޯޓުވަނީ އެއްކޮށް އަނދައި އަޅިއަށްވެގެން ގޮސްފައެވެ.
އެމެރިކާގެ ވައިގެ ސިފައިންގެ ތެރެއިން 8 މީހަކު މިހާދިސާގައި މަރުވި އިރު އެމީހުންގެ ވަނަވަރެއް އަދި ހާމައެއް ނުކުރެއެވެ. މަރުވި ސިފައިންގެ އާއިލާތަކަށް އެކަން އެންގުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ވަނީ ބުނެފައެވެ.
ބޮންއެޅުމަށް ބޭނުންކުރާ މިބާވަތުގެ ބޯޓުތަކަކީ 1955 ވަނަ އަހަރުން ފެށިގެން އެމެރިކާގެ އަސްކަރިއްޔާއިން ބޭނުން ކުރަމުން އަންނަ ބޯޓުތަކެކެވެ. ދުރުރާސްތާއަށް ދަތުރުކޮށް ބޮންއެޅުމުގެ ޤާބިލްކަން ލިބިފައިވާ ބީ-52 ގެ ބޮންއަޅާ ބޯޓުތައް އެމެރިކާއިން އީރާނާއި ދެކޮޅަށް ހަމަލާދިނުމަށްވެސް ބޭނުންކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް