މޯދީ ހާސިލްކުރެއްވި ރެކޯޑު ފާހަގަކުރައްވައި ރައީސް ޑރ. މުއިއްޒު ތަޙްނިޔާ ވިދާޅުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ --
މެދު ނުކެނޑި ދެވަނައަށް އެންމެ ދިގު މުއްދަތެއްގައި، އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވު ބޭފުޅާގެ ރެކޯޑް ނަރެންދުރަ މޯދީ ހާސިލްކުރެއްވުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މޯދީއަށް ތަޢުރީފްކުރައްވައި ތަޙްނިޔާވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ އެކްސް އެކައުންޓްގައި ޙިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ، ދިވެހިރާއްޖެއާ އިންޑިއާއާއި ދެމެދު އޮތް އިޙުތިރާމާއި ސިޔާދަތީ ހަމަހަމަ ކަމާއި ދެ ޤައުމުގެ ލާބައާއި މަންފާގެ މައްޗަށް ބިނާވެފައި އޮތް ގުޅުން މުސްތަޤުބަލުގައިވެސް އިތުރަށް ވަރުގަދަ ކުރެއްވުމުގެ ޢަޒުމް އައުކުރައްވާ ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަޤާމު ނަރެންދުރަ މޯދީއަށް ލިބިވަަޑައިގެންނެވީ، 26 މެއި 2014 ގައެވެ. މެދު ނުކެނޑި އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަޤާމު މޯދީ ފުރުއްވަމުން ގެންދަވާތާ 12 އަހަރު ވަނީ ވެފައެވެ. އަދި މެދު ނުކެނޑި އިންތިޚާބީ މަޤާމުތައް ފުރުއްވަމުންގެންދާވާތާ 25 އަހަރު ވަނީ ވެފައެވެ.
އިންޑިއާގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރު ކަން ކުރައްވާފައި ވަނީ، އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހިރު ލާލު ނެހްރޫއެވެ. 15 އޮގަސްޓް 1947 އިން 27 މެއި 1964އަށް ޖުމުލަ 16 އަހަރާއި، 286 ދުވަސް ވަންދެން އޭނާ ބޮޑުވަޒީރުކަމުގެ މަޤާމު ފުރުއްވިއެވެ. ދެވަނައަށް އެންމެ ގިނަ ދުވަހު އިންޑިއާގެ ބޮޑު ވަޒީރުކަން ކުރައްވާފައި ވަނީ، އިންދިރާ ގާނދީއެވެ. އެކަމަނާ ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގެންނެވީ 24 ޖެނުއަރީ 1966 ގައެވެ. 24 މާރިޗު 1977ގައި އެކަމަނާ އަވަހާރަކޮށްލި އިރު، އެކަމަނާގެ ބޮޑުވަޒީރު ކަމުގައި ހުންނަވާތާ 11 އަހަރާއި 59 ދުވަސް ވަނީ ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް