ރައީސުލްޖުމްހޫރިއްޔާ އެންގެވި ގޮތާއި ޚިލާފަށް އެލްޖީއޭއިން އަތޮޅު އޮފީސްތަކުގެ ހުރިހާ އެސްޖީން މަޤާމުން ވަކިކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ، ޑރ، މުހައްމަދު މުޢިއްޒު، އެލްޖީއޭއަށް އަންގަވާފައިވާ ގޮތާއި ޚިލާފަށް، އެލްޖީއޭއިން އަތޮޅު ކައުންސިލްތަކުގެ ހުރިހާ އެސްޖީން އިއްޔެ މަޤާމުން ވަކިކޮށްފިއެވެ.
އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)އިންގެ ގޮތުގައި ތިއްބެވި ހުރިހާ ފަރާތްތައް، މަޤާމުން ވަކިކުރައްވައި ސިޓީ ފޮނުވާފައި ވަނީ އިއްޔެ އޮފިސް ނިމުނު ވަގުތުގައި ކަމުގައި އަތޮޅު ކައުންސިލްތަކުގައި މަސައްކަތް ކުރެއްވި އެސްޖީންގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ.
ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާޙާއި އެކު، ލޯކަލް ކައުންސިލްތަކުގެ ތެރޭގައި ހިމެނޭ އަތޮޅު ކައުންސިލްތައް އުވިގެން ދިޔައީ، ހުސްވި މެއިމަހުގެ 17 ވަނަ ދުވަހުން ފެށިގެންނެވެ. އެއީ އެންމެ ފަހުން އިންތިޚާބުކުރި އަތޮޅުކައުންސިލްތަކުގެ ޤާނޫނީ ދައުރު ހަމަވުމާއި އެކުގައެވެ.
އަތޮޅު ކައުންސިލްތައް އުވާލެވުނު ނަމަވެސް، ކައުންސިލްތަކުގައި ތިބި އިދާރީ ހުރިހާ މުވައްޒަފުން، އަތޮޅުތަކުގައި ޤާއިމްކުރައްވާ ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ އޮފީސްތަކަށް ބަދަލު ކުރެއްވުމަށް 17 މެއި 2026ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް އަންގަވާފައެވެ.
"އެމުވައްޒަފުންގެ ވަޒީފާގެ ކަންކަން ހަމަޖެއްސެވުމުގައި، އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭ ގޮތަށް، އަދި އެމުވައްޒަފުންނަށް މިހާރު ލިބެމުން އަންނަ މުސާރަ އާއި ޢިނާޔަތްތަކަށް އުނިކަމެއް ނާންނާނެގޮތަށް، ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާ ކުރައްވައިގެން ކަންކަން ހަމަޖެއްސެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ." ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް 17 މެއި 2026 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވި އެއޮފީހުގެ ނަމްބަރު 2026/19 ސިޓީގެ އިބާރާތް ނިންމަވާލައްވާފައި ވަނީ މިގޮތަށެވެ.
ރައީސުލްޖުމްހޫރިއްޔާ އެންގެވި ގޮތާއި ޚިލާފަށް، އަތޮޅު ކައުންސިލްތަކުގައި މަސައްކަތް ކުރެއްވި އެސްޖީން އެލްޖީއޭގެ އޮފީސްތަކަށް ބަދަލު ކުރެއްވުމަށް ފަހުގައި، އެންމެ 25 ދުވަހުގެ ތެރޭގައި ވަޒީފާއިން ވަކިކުރެއްވި އިރު، އެކަމުގެ ކަންބޮޑުވުން އެފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ.
އިއްޔެ ވަނީ އަތޮޅު ކައުންސިލްތަކުން އެލްޖީއޭގެ އޮފީސްތަކަށް ބަދަލުކުރެއްވި 15 އަތޮޅެއްގެ އެސްޖީން މަޤާމުން ވަކިކޮށްފައެވެ. އެފަރާތްތައް ވަޒީފާއިން ވަކިިކޮށްފައި ވަނީ އެއްމަހުގެ މުސާރައިގެ ނޯޓިސް އާއި އެކުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް