Post banner
ރާއްޖެ

މަގުމައްޗަށް ނުކުންނާނެކަމުގައި ވިދާޅުވެ ރައީސް ނަޝީދު ސަރުކާރަށް އިންޒާރުދެއްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މަގުމައްޗަށް ނުކުންނާނެކަމުގައި ވިދާޅުވެ ރައީސް ނަޝީދު ސަރުކާރަށް އިންޒާރުދެއްވައިފި

ކާމިޔާބީ ފާހަގަކުރުމުގައި ރައީސް ނަޝީދު -- ފޮޓޯ: ޙުސައިން ޝާފިޢު

އެމްޑީޕީގެ ޗެއާޕަރސަންގެ އިންތިޚާބު ކާމިޔާބު ވުމާއި އެކުގައި، ސަރުކާރާއި ދެކޮޅަށް މަގުމައްޗަށް ނުކުންނަވާނެ ކަމުގައި ވިދާޅުވެ ރައީސް ނަޝީދު ސަރުކާރަށް މިރޭ އިންޒާރުދެއްވައިފިއެވެ.

ރައީސް ނަޝީދަށް އެމްޑީޕީގެ ޗެއާޕަރސަން އިންތިޚާބު ކާމިޔާބު ކުރެވުމާއިގުޅިގެން އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނުގެ ސަޕޯޓަރުންނާއި މުޚާތަބު ކުރައްވައި ވިދާޅުވީ، މިސަރުކާރު ބަދަލު ކުރުމަށްޓަކައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އަދި ޚާއްޞަ ގޮތެއްގައި މިއިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި އެމަނިކުފާނަށް ތާއީދުކުރެއްވި ސަރުކާރުގެ ކުންފުނިތަކުގައި ތިއްބެވި ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކޮށް، އަދި ވަޒީފާ ބަދަލުކޮށް ފިޔަވަޅު އަޅާފައިވާތީ، އެކަމާއި ދެކޮޅަށް ނުކުންނަވައި އެކުންފުނިތަކުގެ އޮފީސްތައް އޮކިއުޕައިކުރައްވާނެ (ހިފާނެ) ކަމުގައިވެސް ރައީސް ނަޝީދު ވަނީ އިންޒާރު ދެއްވާފައެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ އެމަނިކުފާނު ގެންނަން ބޭނުންވާ ބަދަލުގައި ހުރިހާ ފަރާތްތަކުންވެސް ބައިވެރިވުމަށް މިރޭވެސް ގޮވާލައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، އާދީއްތަ ދުވަހު އެމަނިކުފާނު އެމްޑީޕީގެ އޮފީހަށް ނުކުންނަވަން ފައްޓަވާނެ ކަމަށާއި އަދި ޕާޓީގެ މަސައްކަތްތައް ފައްޓަވާނެ ކަމަށެވެ.

ރައީސް ނަޝީދު، އެމްޑިޕީގެ ޗެއާޕަރސަންގެ އިންތިޚާބުގައިވެސް އެންމެ ބޮޑަށް ފާޑުވިދާޅުވެ ބަހުގެ ހަމަލާތައް ދެއްވަމުން ގެންދެވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށާއި، ސަރުކާރަށެވެ. ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައިވެސް ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ، އެެއްވެސް މަޤުބޫލު ކަމެއް ނެތް ރައީސެއް ކަމަށެވެ. އަދި ރާއްޖެ ސަލާމަތް ކުރަން މަސައްކަތް ކުރަން ޖެހޭ ކަމުގައިވެސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް