ނިޔާވި ކުއްޖެއްގެ ޒާތީ މައުުލޫމާތު ހާމަކުރީ ފުލުހުންގެ މުއައްސަސާގެ އިތުބާރު ހިފެހެއްޓުމަށް: އިޙްސާން
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހޯމް މިނިސްޓަރ ޢަލީ އިހްސާން ---
މަޖުދުއްދީން ދަނާލުގައި ހުރި ކުއްޖަކު ނިޔާވި ހާދިސާގައި އެކުއްޖާ އާއި ފުލުހުންގެ ވިކްޓިމް ސަޕޯޓް ސަރވިސް އާއި ދެމެދު ބަދަލުކުރެވުނު މެސެޖުތައް އާއްމު ކުރެއްވީ، ފުލުހުންނަށް ކުރެވުނު ތުހުމަތުތަކާއި ގުޅިގެން، ފުލުހުންގެ އަގާއި އިތުބާރު ހިފެހެއްޓުމަށްޓަކައި އެމައުލޫމާތު އާއްމުކުރަން މަޖުބޫރުވެގެން ކަމުގައި ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިޙްސާން މިހެން ވިދާޅުވީ، އެމައްސަލަ އާައި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރ އިޙްސާން ވިދާޅުވީ، ކުއްޖާ ނިޔާވި ހާދިސާ އާއި ގުޅިގެން އެކަން ރިޕޯޓުކުރުމުގައި ނޫސްވެރިން މަސައްކަތް ކުރީ ވަރަށް ރަނގަޅަށް ކަމަށެވެ. އެހެން ނަމަވެސް، އެކި އެކި ސިޔާސީ ފަރާތްތަކުން ފުލުހުންގެ އިތުބާރު ގެއްލި އަގުވެއްޓެ ގޮތަށް ސޯޝަލް މީޑިއާ އާއި އެނޫން މައްސަތަކުގައި އެވާހަކަ އެކި ގޮތްގޮތަށް ދައްކަމުން ދިޔުމަކީ، ކުއްޖާ އާއި ފުލުހުންގެ ވިކްޓިމް ސަޕޯޓާއި ދެމެދު ބަދަލުކުރެވުނު މެސެޖުތައް ހާމަކުރައްވަން ޖެހުނު ސަބަބު ކަމަށެވެ. އަދި ދިވެހިރައްޔިތުންގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ، ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށާއި، އެހެން ނަމަވެސް ފުލުހުންގެ އިތުބާރާއި އަގު ހިފެހެއްޓުމަކީ، އެމަނިކުފާނުގެ ޒިންމާއެއް ކަމުގައިވެސް މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.
އެ މައުލޫމާތު ހޯމް މިނިސްޓަރު ހާމަކުރައްވާފައި ވަނީ، 23 އޭޕްރީލް 2026 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެދުވަހު މިނިސްޓަރ އިޙްސާން ވަނީ، މެސެޖުތަކުގައި ކުއްޖާ ދައްކާފައި ހުރިވާހަކަތަކާއި އެވާހަކަތައް ދެއްކި ގަޑިއާއެކު ހާމަކުރައްވާފައެވެ. އެހެންވެ ކުއްޖާ ނިޔާވެފައި ވަނިކޮށް ކުއްޖާގެ ޒާތީ މައުލޫމާތު މިނިސްޓަރ އިޙްސާން ހާމަކުރައްވުމާއި ގުޅިގެން އާއްމު ފަރާތްތަކުގެ ފާޑުކިޔުންތައްވެސް ވަރަށް ބޮޑަށް އަމާޒުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް