ދިގުވާހަކަ: ހިތާމައިގެ ރާނީ -12
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މެއި 1 ގެ އަދަދާއި ގުޅޭ ...
ލޮލުން ފޭދުނު ކަރުނަ ތިކިތައް ބީފާނުގެ ކޯތާފަތްމައްޗަށް ފޭބިއެވެ. އެކަމަކު ހިއްވަރުކޮށްލާފައި ބުރުގާގެ ކަންގަނޑުން އެކަރުނަތައް ފޮހެލައި، ބީފާނު ހިންދިރުވާލިއެވެ. ހަޔާތުގެ ބުރަތަކާއި ހިތާމަތައް އޭނާގެ އުމުރަށް ވުރެވެސް މުސްކުޅިކޮށްފިއެވެ. ގަދަ ހިއްވަރުން ޅިނދު ސީދާކޮށްލައި، ބީފާނަށް ބަލާލެވުނީ، ބޯމަތީގައި އޮތް ހާމަ އުޑަށެވެ. ޝުކުރުވެރި ނަޒަރަކުންނެވެ.
މުސްކުޅިވެ ބަލިހާލުގައިވާ ބީފާނުގެ ދެމަފިރިން އާޝިޔާއާ މެދު ވިސްނާތާ އެތައް ދުވަހެއް ވެއްޖެއެވެ. އެމީހުން ނެތް ދުނިޔެއެއްގައި އެކުޑަކުއްޖާއަށް ވެދާނޭ ގޮތަކާއި މެދު ބީފާނު ހުރީ އަބަދުވެސް ފިކުރުބޮޑުވެފައެވެ. ބަފައިފުށުގެ މީހުންގެ އެއްވެސް އަޅާލުމެއް ނެތް އިރު، ބީފާނު ލޯމަރާލައިފިނަމަ އާޝިޔާގެ ދިރިއުޅުން ހަފުސްވީކަން ބީފާނަށް އެނގެއެވެ. ވީމާ އޭނާ ތާއަބަދު އެދި ކުރާ ދުޢާއަކީ، މާތްﷲ އެދަރިފުޅަށް ހެޔޮރަޙްމަތް ލެއްވުމެވެ. އެހެން ނަމަވެސް އެ ދަރިފުޅަށްޓަކައި އެދި ދަންނަވާނީ ކޮން ކަމަކަށް ކަމެއް ބީފާނަކަށް ނޭނގެއެވެ.
ކޮޅުފިލާ ގޮނޑިން ތެދުވެ ބޯތަށިތަކާއި ދޮލަނގު ހިފައިގެން ބީފާނު ގޮސް ވަނީ ބަދިގެއަށެވެ. އޮށިއަށި ދުމަށީގެ މަތީގައި އެތަކެތި ބެހެއްޓުމަށް ފަހުގައި، އޭނާ ބަދިގެއިން ނުކުތީ ރަޙްމާނު އޮތް ހާލެއް ބަލައިލުމަށެވެ. މެދުގޭތެރޭ އެނދުގައި އޭނާ އެކަނި އޮންނަތާ އިރުތަކެއް ވެއްޖެއެވެ.
ގޭތެރެއަށް ވަންނަން އޮޅިމަތިން ފައި ނެގިތަނާ، އައި ކުއްލި ވައިރޯޅިއެއްގައި، ބުރުގާ ހިއްލިގެން ގޮސް އެޅުނީ ބީފާނުގެ މޫނުގައެވެ. އޮޅިމަތިން ރަނގަޅަށް ފައި ނޭޅި، ބީފާނު މޫނުވަތަށް ވެއްޓުނީ، ގޭގެ ތެރެއަށެވެ. ބޯޖެހުނީ ހަރުތަޅުންގަނޑުގައެވެ. އެއާއެކު އޭނާގެ ޚަބަރު ހުސްވީއެވެ.
އެއްޗެއް ވެއްޓި ޖެހުނު އަޑަށް ނިދިފައި އޮތް ރަޙްމާނަށްވެސް ހޭލެވިއްޖެއެވެ. އޭނާއަށް ފެނުނީ، ބީފާނު ގޭގެ އޮޅިމައްޗަށް ވެއްޓިފައި އޮއްވައެވެ. ފައިކޮޅު އޮތީ ގެއިން ބޭރުގައެވެ. ބޯކޮޅު އޮތީ ދޮރުން އެތެރެއިން ތަޅުން މަތީގައި ޖެހިފައެވެ. އެއްވެސް ހަރަކާތެއް ނެތިފައެވެ.
"ބީފާނު. ބީފާނު." ރަޙްމާން ހަޅޭލަވައި ގަނެވޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު އޭނާގެ އަޑެއް ނުނުކުތެވެ. ހަށިގަނޑުގައި ތެދުވާނެ ހިއްވަރެއްވެސް ނެތެވެ. ބީފާނުގެ ބޮލުން ފައިބައި ގޭތެރޭގައި ކޯރުދެމެމުން އައި ލޭތައް ފެނުމުން ރަޙްމާނަކަށް ކެތެއް ނުވިއެވެ. އޭނާ ރޮއެގަތެވެ. އެކަމަކު އެއަޑު ނުކުތީ ގިސްލުމެއްގެ އަޑު ފަދައިންނެވެ. އަޑު އިވޭ ހިސާބުގައި ދެކޭ ހިސާބުގައި މީހަކު ނެތެވެ. އެހީއެއްވާނޭ މީހަކު ނެތެވެ.
ހަށިގަނޑުގައި ހުރިނަމަ ހުރި ހުރިހާ ހަކަތައެއް ހުސްކޮށްގެންވެސް ތެދުވެވޭތޯ ރަޙްމާނު ބެލިއެވެ. އެހުރިހާ ހިއްވަރަކުންވެސް ރަޙްމާނަށް އަމިއްލައަށް ފުރޮޅިލެވުނީއެވެ. ދެންވީ މާދެރަގޮތެކެވެ. މަޅުއަށިމަތިން އޭނާވެސް ތަޅުންމައްޗަށް ވެއްޓުނީއެވެ.
އެނދުންވެއްޓި އުޑުތިލަމަތިން ހަރުތަޅުންމަތީގައި ޖެހުމާއި އެކު ރަޙްމާންގެ ގައިގައި ހުރި ހަމައެކަނި ހަކަތަކޮޅުވެސް ހުސްވީއެވެ. އަތްފައިގެ ހަރަކާތް ކެނޑުނީއެވެ. އަޑު ބަންދުންވީއެވެ. މިހާރު މޫނު އަނބުރާލައި، ބީފާނު ވެއްޓިފައި އޮތް ދޮރާއި ދިމާއަށް ބަލައިލެވޭހައި ހަކަތައެއްވެސް ރަޙްމާނުގެ ނެތެވެ. އެދެލޯ ދިޔައީ މެރެމުންނެވެ. ނޭވާ ދިޔައީ ކުރުވަމުންނެވެ. އަޑުތައް މަޑުވެ މުޅި ގޭތެރެއަށް ދިޔައީ ހިމޭންކަން ވެރިވަމުންނެވެ.
********
އިމާދުގެ އަތުގައި ހިފައިގެން އާޝިޔާ ކުރިޔަށް ހިނގަމުން ދިޔައީ، ގެއާ ދުރަށެވެ. އުފަލުން ހުރެއެވެ. އަލަށް ލިބުނު ރަޙްމަތްތެރީންނަކީ އޭނާގެ މުސްތަޤުބަލުގެ މައިންބަފައިންކަމެއް އެކުޑަކުއްޖާއަކަށް އޭރު އިޙްސާސެއް ނުވެއެވެ. އޭނާގެ ޅަސިކުނޑިއަށް ދުނިޔޭގެ މަންޒަރުތަކެއް ރަނގަޅަކަށް ސިފައެއް ނުވެއެވެ. އަދި އެއީ ކުޑަކުއްޖެކެވެ. ގޮނޑިކޮއްކޮ ހިފައިގެން ބުދުކުޅޭ އުމުރުގެ ކުއްޖެކެވެ. ވީމާ އޭނާއަށް ދުނިޔެއަށް ޖެހޭ ވަޔާއި އޮޔާއި ބަދަލުވަމުން އަންނަ ކުލަތައް ވިސްނޭނީ ކިހިނެއް ހެއްޔެވެ؟
"އެދިމާއަށޭ އެންމެން ދަނީ!" އިމާދުގެ އަތުގައި ހިފައިގެން ހުރެ އިމާދުގެ މޫނަށް ބަލާލާފައި އާޝިޔާ ބުންޏެވެ.
"އާޝިޔާ ބިރެއް ނުގަނޭތަ ކިނބޫދެކެ" މިފަހަރު ވާހަކަ ދެއްކީ އާތިފާއެވެ.
"ކިނބޫ އޮތީ ހިފާފައޭ! ކުއްޖަކު ބުނީ، ތުންބަނދެފައޭ އޮތީ. އެކަމަކު އެކުއްޖާ ވަރަށް ދޮގުވެސް ހަދާނެ." އާޝިޔާ އޭނާގެ ޅަރާގުގައި ބުންޏެވެ.
އިމާދާއި އާތިފާ އާއި އާޝިޔާއަށް ތުނޑިމައްޗަށް ނުކުމެވުނީ އެންމެފަހުން ކަންނޭނގެއެވެ. ރަށުގެ ހުރިހާ ރައްޔިތުން އޮތީ އެތަނަށް ޖަމާވެފައެވެ. ކުދި ބޮޑު އެންމެންނެވެ. ކިނބޫވަށާލައި ކޮށްޓެއްހެން މީހުންތައް ތިބުމުން ފަހަތުގައި ހުންނަ ކުޑަކުއްޖަކަށް ކިނބޫ ފެންނަ ވަރެއް ނޫނެވެ. އިމާދާއި އާތިފާއަށްވެސް ނުފެނެއެވެ.
މީހުންތައް ފޭކޮށްފައި ވަދެވޭތޯ އާޝިޔާ އުޅެން ފެށުމުން އިމާދު އޭނާ ނަގައިލީ ކޮނޑަށެވެ. އެއާއެކު ކިނބޫ ފެނުމުން ވީ އުފަލަށްވުރެ އިމާދުގެ ކޮނޑުގައި އިށީނދެވުމުން އާޝިޔާއަށް ލިބުނު އުފާ ބޮޑެވެ. އިމާދުގެ ފަންއިސްތަށިގަނޑުގައި ލާފައިވާ އެލީޓް ކްރީމްގެ މަޑުމަޑު މީރުވަސް އާޝިޔާގެ ނޭފަތުގައި ޖެހުނެވެ. އެއާއެކު އާޝިޔާ އިމާދުގެ އިސްތަށިގަނޑުގައި ވަސްބަލާލިއެވެ.
ދަރިން ކޮނޑަށްލައިގެން ބައްޕައިން މޫދަށް އެރި އުޅޭތީ، އާޝިޔާވެސް ދެކެއެވެ. އެ އުފާ އޭނާއަށް ލިބުންވެސް އެދެއެވެ. އެކަމަކު އެއީ ކޮންދުވަހަކު ކިހިނެއް ވާނޭ ކަމެއް ކަމެއް އެކުޑަކުއްޖާއަށް އެނގޭނީ ކިހިނެއްހެއްޔެވެ؟
"ކޮބާ! ފެނޭތަ!" އިމާދު ސުވާލުކޮށްލީ އާޝިޔާ އާއެވެ.
" އެބަ ފެނޭ. އޭގެ ބޮލުގައި ގޯންޏެއް އަޅާފައި އޮތީ" އާޝިޔާ ސިފަކޮށްދިނެވެ.
އާޝިޔާ އުފާވެފައި ހުރިވަރުފެނިފައި އާތިފާއަށް ވެސް ލިބުނީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. އެމީހުން އެތަނަށް އައީ ކޮންމެހެން ކިނބޫ ބަލާކަށް ނޫނެވެ. އާޝިޔާ އާއި އެކު ގާތްކަން އުފެއްދޭތޯއެވެ.
ސިފައިން ކިނބޫ ތުނޑިމަތިން ބާލައިގެން ގެންގޮސް ޑިންގީއަކަށް އެރުވި އިރުވެސް އާޝިޔާއިނީ އިމާދުގެ ކޮނޑުގައެވެ. ކިނބޫ ގެންދިޔައިމާ މީހުންތައް ހިނގައި ގަތުމުން އިމާދު އޭނާގެ ކޮނޑުން އާޝިޔާ ބޭލިއެވެ.
"ބޭބެގެ ބޮލުން ހާދަ މީރުވަސް ދުވައޭ!" އާޝިޔާގެ ސިކުނޑީގައި ބިންވަޅު ނެގުނީ، ކިނބޫގެ ހަނދާނެއް ނޫނެވެ. އިމާދުގެ ބޮލުގައި ލާފައި ހުރި ކްރީމްގެ ވަހެވެ.
(ނުނިމޭ)
މިވާހަކަ ކިޔުންތެރިންނަށް، ކަމުދާ ނަމަ މިވެބްސައިޓް ދެމެހެއްޓުމަށްޓަކައި، ކިޔުންތެރިންގެ އެހީތެރިކަމަށް އެދެމެވެ. ތިޔަބޭފުޅުން ދެއްވާ އެހީ ޖަމާކުރައްވާނީ "ސުލައިމާން މީޑިއާ"ގެ ބީއެމްއެލް އެކައުންޓް: 7730000814787 އަށެވެ. އަދި ކިޔުންތެރިން ދެއްވަން ބޭނުންފުޅުވާ، ޚިޔާލެއް އޮތް ނަމަ ވައިބާ ކުރައްވާނީ، ރައްޔިތުންގެ ނޫހުގެ ހޮޓްލައިން، 9415149 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް