ރައީސް ޑރ. މުއިއްޒުގެ އަމަލުފުޅުތަކުން ދޭހަވަނީ ބޭވަފާތެރިކަން: ރައީސް ނަޝީދު
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސް މުޙައްމަދު ނަޝީދު ---
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޢަމަލުފުޅުތަކުން ފެންނަމުންދަނީ، އެމަނިކުފާނުގެ ބޭވަފާތެރިކަން ކަމުގައި ވިދާޅުވެ، ރައީސް މުޙައްމަދު ނަޝީދު، ރައީސް މުޢިއްޒަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ވެރިކަން ލިބިވަޑައިގެންނެވުމުގައި ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްގެ ކެމްޕޭން މުހިއްމު ދައުރެއް އަދާކުރިއެވެ. އަދި މި ސަރުކާރުގައި ދަ ޑިމޮކްރެޓްސް ޙިއްސާވާކަމުގައި، ރައީސް ޑރ، މުޙައްމަދު މުޢިއްޒަށް ރައީސްކަން ލިބިވަޑައިގަތުމާއި އެކު، ރައީސް ނަޝީދާއި ދަ ޑިމޮކްރެޓްސްގެ އިސްބޭފުޅުންވެސް ވިދާޅުވިއެވެ.
ރައީސް ޑރ މުޙައްމަދު މުޢިއްޒަކީ ބޭވަފާތެރިއެއްކަމުގައި ވިދާޅުވެ، ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައި ވަނީ، ރޭ ސަންގުޓީވީގެ ޕްރޮގްރާމެއްގައެވެ. ސަންގު ޓީވީއަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެމްޕޭންގައި އެމަނިކުފާނަށް ތާޢީދުކޮށް ޚަބަރާއި މައުލޫމާތު ފެތުރުމުގައި މުހިއްމު ދައުރެއް އަދާކުރި މީޑިއާއެކެވެ. އެހެންނަމަވެސް އެޗެނަލްގެ އެއް ޙިއްސާދާރު، އިބްރާހީމް ވަހީދު (އަސްވާޑު) ޔޫތު މިނިސްޓަރުގެ މަޤާމުން އިސްތިއުފާ ދެއްވުމަށްފަހުގައި އެ ޗެނަލްގެ ސިޔާސަތަށް ވަނީ ބަދަލު ގެނެސްފައެވެ.
ސަންގުޓީވީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީނާއި، އަދި މިސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ޤައްސާނު މައުމޫނާއި މެދު ރައީސް ޑރ. މުހައްމަދު މުޢިއްޒު ޢަމަލުކުރައްވާފައިވާ ގޮތުން، ފާހަގަވެގެން ދަނީ އެމަނިކުފާނުގެ ބޭވަފާތެރިކަން ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އާއްމު ޚިޔާލު ހޯދުމުގެ ވޯޓުގައި، ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު، ސަރުކާރުގެ 10 މިނިސްޓަރަކު މަޤާމުން އިސްތިއުފާ ދެއްވިއެވެ. އެބޭފުޅުން އިސްތިއުފާ ދެއްވީ، ކެބިނެޓަށް ކުއްލި ގޮތަކަށް ބަދަލުގެނައުމަށް ނިންމަވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ މިނިސްޓަރުންނަށް އިސްތިއުފާދޭން އެންގެވުމުން ކަމުގައި ޕީއެންސީގެ އިސްފަރާތްތަކުން ބުނެފައިވެއެވެ.
އިސްތިއުފާ ދެއްވި ވަޒީރުން، ސަރުކާރުގެ އެހެން މަޤާމުތަކަށް މިހާރު ގެންދަވަނީ ޢައްޔަނުކުރައްވަމުންނެވެ. އޭގެ ތެރެއިން ދެ ވަޒީރަކު ސަފީރުންގެ ގޮތުގައި ހަމަޖެއްސެވުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ރައްޔިތުންގެ މަޖިލީހަށް ނަންފުޅުތައް ފޮނުއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް