އެމްޑީޕީގެ ޗެއާޕަރސަން ކުރީގެ ރައީސް ނަޝީދު ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި ބައްދަލު ކުރައްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކުރީގެ ރައީސް ނަޝީދާއި ފައިސަލް ބޭއްވެވި ބައްދަލު ކުރެއްވުމުގެ ތެރެއިން --- ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ޗެއާޕަރސަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމާއި ބައްދަލު ކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުކުރީގައި އެމްޑީޕީގެ އޮފީހުގައެވެ.
މިބައްދަލުވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވި ކަންކަމާއި ގުޅޭ ގޮތުން ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ. އެމްޑީޕީގެ ޗެއާޕަރސަންގެ މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ރައީސް ނަޝީދު ގެންދަވަނީ އެމްޑީޕީގެ އިސްބޭފުޅުންނާއި އެކު ވަކިވަކިންވެސް ބައްދަލުކުރައްވަމުންނެވެ.
އެމްޑީޕީގެ ސަރުކާރުގައި، ފައިސަލް ނަސީމް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުގައެވެ. އަދި ފައިޞަލަކީ މިހާތަނަށް ދައުރު ފުރިހަމަކުރެއްވި ހަމައެކަނި ނައިބު ރައީސްވެސް މެއެވެ. ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަށްފަހު ޕާޓީގެ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ރައީސް ނަޝީދު ތާއީދުކުރައްވަނީ، ފައްޔާޒު އިސްމާޢީލަށްކަން އެމަނިކުފާނު އިޢުލާނުކުރައްވާފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައިސަލް ނަސީމްވެސް ވާދަކުރައްވާނެ ކަމުގެ އަޑުތައް ފެތުރިފައިވެއެވެ. އެހެން ނަމަވެސް ފައިސަލްގެ ފަރާތުން މިހާތަނަށް އެކަން ރަސްމީކޮށް އިޢުލާނުކުރައްވާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް