Post banner
ރިޕޯޓް

ބޭއިންސާފުން ވަޒީފާއިން ވަކިކުރާތީ އެމްޑީޕީން މުޒާހަރާއަށް! އާއްމުން ހަނދާންކޮށްދެނީ އެމްޑީޕީން ކަންތައްކުރިގޮތް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބޭއިންސާފުން ވަޒީފާއިން ވަކިކުރާތީ އެމްޑީޕީން މުޒާހަރާއަށް! އާއްމުން ހަނދާންކޮށްދެނީ އެމްޑީޕީން ކަންތައްކުރިގޮތް

އެމްޑީޕީން މުޒާހަރާއަށް ވަމުން އަންނަ ތައްޔާރީގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ

ސިޔާސީ ފިކުރު ޚިޔާލު ތަފާތުވުނުން، މިސަރުކާރުންވެސް މީހުން ވަޒިފާއިން ވަކިކުރާތީ އެކަމާއި ދެކޮޅު ހެދުމުގެ ގޮތުން އިޙްތިޖާޖަށް ނުކުންނާނެ ކަމުގައި އެމްޑީޕީން ވަނީ ޢިއުލާނުކޮށްފައެވެ. އެޕާޓީން ހާމަކޮށްފައިވާ ގޮތުގައި އެމްޑީޕީގެ ފަރާތުން ބާއްވާ މި މުޒާހަރާ ފަށާނީ ބުރާސްފަތި ދުވަހުގެ ރޭ 8:30ގައި ރަސްފަންނުންނެވެ. އަދި "ވަޒީފާ ބުރާސްފަތި"ގެ ނަމުގައި އެމްޑީޕީން ބާއްވާ މި މުޒާހަރާއަށް ތާއީދު ހޯދުމުގެ ގޮތުން ތަފާތު އެކި ހަރަކާތްތައްވެސް އެމްޑީޕީން ވަނީ ފަށާފައެވެ.

އެމްޑީޕީގެ އިސްބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި މިސަރުކާރުން ގެންދަނީ، އެމްޑީޕީގެ މެމްބަރުންނާއި އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކުން ވަޒީފާތަކުން ވަކިކުރަމުންނެވެ. އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރުދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤަށް ތާއީދު ކުރެއްވި އަދި ކެމްޕޭންގައި ހަރަކާތްތެރިވި ގިނަ ބަޔަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމުގައި، އޭނާވެސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ސޯބެގެ އާއިލީ މީހުންނާއި، ރައްޓެހިންނާއި އެނޫންވެސް މީހުން ހިމެނެއެވެ.

ވަޒީފާ ބުރާސްފަތީގެ ނަމުގައި އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން އުޅޭ މުޒާހަރާ އާއި ގުޅިގެން އާއްމުންނާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުންވެސް ވަނީ އެކަމަށް ފާޑުކިޔާފައެވެ. އަދި އެތައް ބަޔަކު ވަނީ އެފަރާތްތަކުގެ ކަންބޮޑުވުންތަކާއި އުދާސްތައް އަދި އެމްޑީޕީގެ ދެ ސަރުކާރުގައިވެސް ސިޔާސީ ފިކުރު ތަފާތުވުމުން މުވައްޒަފުންގެ ވަޒީފާ ގެއްލުވާލައި އަނިޔާތައް ދީފައިވާކަމުގެ ހަނދާންތައް އައުކޮށްފައެވެ. މިގޮތުން އެމްޑީޕީގެ ސަރުކާރުގައި، އެކި ގޮތްގޮތަށް ވަޒީފާއިން ވަކިކުރި މީހުން ވަނީ އެމްޑީޕީން ކުރަން އުޅޭ މުޒާހަރާއަކީ އިޚްލާސްތެރި ނިޔަތެއް އޮތް މުޒާހަރާއެއް ނޫންކަމަށްވެސް ބުނެފައެވެ.

"2008 ގަ ވެރިކަން ލިބުމުން ފިކުރު ތަފާތުވެގެން ދިން އަނިޔާ މިހުރީ ފެންނަން،މިއަދު ވަޒީފާގެ ހިމާޔަތުގައޭ ބުނެ ވާހަކަ ދައްކަން ލަދުވެތި ވާންޖެހޭނެ،" އަޕަރ ނޯތު ޔުޓިލިޓީސްގެ ހއ.ދިއްދޫ އިންޖީނުގޭގެ ޑެޕިއުޓީ މެނޭޖަރުގެ މަޤާމުން، ހއ. ދިއްދޫ ޝާރާޒް، މުޙައްމަދު ލަތީފް 31 އޮގަސްޓް 2010ގައި ވަޒީފާއިން ވަކިކުރިގޮތް ހަނދާންއައުކޮށް ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ. މީގެ 15 އަހަރު ކުރިން އެމްޑީޕީ ސަރުކާރުގައި އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ، އޭނާ ހުރި މަޤާމު އުވާލައިގެންނެވެ.

މިނޫނަސް އާއްމު އެތައް ބަޔަކު އަންނަނީ، 2008 އިން 2012އަށް، އަދި 2018އިން 2023އަށް އޮތް އެމްޑީޕީގެ ދެ ވެރިކަމުގައިވެސް، ސިޔާސީ ގޮތުން ވަޒީފާތަކުން މީހުން ވަކިކޮށްފައިވާކަން ފާހަގަކޮށް ފާޑުކިޔަމުންނެވެ.

2008 ވަނަ އަހަރު ދިވެހިރާއްޖެއަށް ޑިމޮކްރެޓިކް ބަދަލުތައް އައި ފަހުން، ސިޔާސީ ބޭނުމަށް މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން އައީ މައިގަނޑު ތިންގޮތަކަށެވެ. އެއްގޮތަކީ، ވަޒީފާއިން ވަކިކުރަން ބޭނުންވާ މުވައްޒަފު ހުރި މަޤާމު އުވާލުމެވެ. ދެވަނަ ގޮތަކީ، މުވައްޒަފު އަމިއްލައަށް ވަޒީފާއިން އިސްތިއުފާދޭން ނުވަތަ ވަޒީފާއިން ވަކިވާން މަޖުބޫރުވާގޮތަށް ވަޒީފާ އަދާކުރާ އޮފީސް ނުވަތަ ވަޒީފާއަދާކުރާ ރަށް ބަދަލުކުރުމެވެ. ތިންވަނަގޮތަކީ، "ރައިޓް ސައިޒް" ކުރުމުގެ ނަމުގައި، މުވައްޒަފުން މަދުކުރުމުގެ މަރުހަލާގެ ތެރެއިން މީހުން ވަޒީފާއިން ވަކިކުރުމެވެ.

އެއިރެއްގައި އޮންނަ ސަރުކާރަކުން ބޭނުންވާ މީހުން، ވަޒީފާއިން ވަކިކުރުމަކީ، ހުރިހާ ސަރުކާރެއްގައިވެސް ހިނގަމުން އައި ކަމެކެވެ. ރައީސް ނަޝީދުގެ ވެރިކަމުގަޔާއި، ރައީސް ވަހީދުގެ ވެރިކަމުގަޔާއި، ރައީސް ޔާމީނުގެ ވެރިކަމުގަޔާއި، ރައީސް ޞާލިޙްގެ ވެރިކަމުގައިވެސް، އަދި މިސަރުކާރުގައިވެސް އެކަން އަންނަނީ އެގޮތަށް ކުރަމުންނެވެ.

ބޭއިންސާފުން، މީހުން ވަޒީފާތަކުން ވަކިކުރާތީ، އިދިކޮޅު ޕާޓީން އެވާހަކަ ދައްކާނަމަ، އެއިރަކު އޮންނަ ސަރުކާރެއްގެ އިސްވެރިންނާއި، ސަޕޯޓަރުންވެސް ބުނާ ވާހަކައަކީ، ކުރީ ސަރުކާރުންވެސް ކަންތައް ކުރީ އެގޮތަށް ކަމަށެވެ. މިހާރު ޕީއެންސީގެ ސަޕޯޓަރުންވެސް ހަނދާންކޮށްދެމުން ދަނީ އެކަމެވެ.

ވަޒީފާތަކުން މީހުން ވަކިކުރުމާއި ދެކޮޅަށް އެމްޑީޕީން މުޒާހަރާކުރާއިރު، އެމައްސަލައިގައި އެމްޑީޕީއަކީވެސް ރައްޔިތުންގެ އިތުބާރު އޮތް ޕާޓީއެއް ނޫންކަމުގައި އާއްމު ގިނަ ރައްޔިތުން ޤަބޫކު ކުރެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް