ޤާޟީ ކަމުގެ މަޤާމަށް 5 ބޭފުޅަކު ޢައްޔަނުކުރައްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ސްޕީރިއާ ކޯޓުތަކުގެ ޤާޟީންގެ މަޤާަމަށް 5 ބޭފުޅަކު މިއަދު ޢައްޔަނު ކުރައްވައިފިއެވެ.
މިއަދު ޤާޟީން ޢައްޔަނުކުރައްވާފައި ވަނީ، ކްރިިމިނަލް ކޯޓަށާއި، ސިވިލްކޯޓަށެވެ. ކްރިމިނަލްކޯޓަށް 3 ޤާޟީން ޢައްޔަނުކުރެއްވި އިރު، ސިވިލްކޯޓުގެ ޤާޟީކަމުގެ މަޤާމަށް، 2 ބޭފުޅަކު ޢައްޔަނު ކުރައްވާފައިވެއެވެ.
މިއަދު ޤާޟީކަމުގެ މަޤާމަށް ޢައްޔަނުކުރެއްވި ބޭފުޅުންނަކީ؛
ސިވިލްކޯޓުގެ ޤާޟީކަމުގެ މަޤާމަށް؛
1- އަލްއުސްތާޛު މުޙައްމަދު ނިޝާޠު / ރީލްމަންޒިލް، ގއ.ކަނޑުހުޅުދޫ
2- އަލްއުސްތާޛާ އާސިޔާ އަޡީމާ / ރޯޒްވިލާ، ރ.ހުޅުދުއްފާރު
ކްރިމިނަލްކޯޓުގެ ޤާޟީކަމުގެ މަޤާމަށް؛
1- އަލްއުސްތާޛު ސުލައިމާން މުޙައްމަދު / ނޫރާނީމާގެ، ޅ.ކުރެންދޫ
2- އަލްއުސްތާޛު އަޙްމަދު ތައުފީޤު / ޑޭޒީމާގެ، ހއ.ދިއްދޫ
3- އަލްއުސްތާޛު މުޙައްމަދު ޢަބްދުﷲ / ޑްރީމް، ތ.ވޭމަންޑޫ
ސިވިލްކޯޓުގެ ޤާޟީކަމުގެ މަޤާމަށް ޢައްޔަނުކުރެއްވި، އަލްއުސްތާޛު މުޙައްމަދު ނިޝާޠު ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ލޯސް (އޮނަރސް) އަދި މާސްޓަރ އޮފް ލޯ ހާސިލް ކުރައްވާފައެވެ. 30 އޮކްޓޫބަރު 2025 ވަނަ ދުވަހުން ފެށިގެން ހުވަދު އަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ އަލްއުސްތާޛު މުޙައްމަދު ނިޝާޠަކީ، ޝަރުޢީ ދާއިރާ އާއި ގުޅުންހުރި މަޤާމުތަކުގައި 15 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެޓަރނީ ޖެނެރަލް އޮފީހުގައި ޑެޕިއުޓީ ސްޓޭޓް އެޓަރނީގެ މަޤާމާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި އިންވެސްޓިގޭޝަން އޮފިސަރ، ލީގަލް އޮފިސަރ އަދި ސީނިއަރ ލީގަލް އޮފިސަރ މަޤާމާއި، ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ޖެނެރަލް ކައުންސެލް އަދި ސެކްރަޓަރީ ޖެނެރަލްގެ މަޤާމު ފުރުއްވާފައިވެއެވެ.
އަލްއުސްތާޛާ އާސިޔާ އަޡީމާ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އޮނަރސް އަދި ޔުނިވަރސިޓީ އޮފް ބަރމިންގހަމްއިން މާސްޓަރ އޮފް ލޯ ހާސިލް ކުރައްވާފައެވެ. އަލްއުސްތާޛާ އާސިޔާ އަޡީމާ އަކީ ރައްޔިތުންގެ މަޖިލީހުގެ ލީގަލް އޮފިސަރުގެ މަޤާމާއި ލީގަލް އެފެއަރޒްގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަޤާމު 27 އޮގަސްޓް 2014 އިން ފެށިގެން 28 ފެބްރުވަރީ 2021 އަށް ފުރުއްވާފައިވާ ބޭފުޅެކެވެ.
އަލްއުސްތާޛު ސުލައިމާން މުޙައްމަދު ވަނީ ކޮލެޖް އޮފް އިސްލާމިކް ސްޓަރޑީސްއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނާރސް ހާސިލް ކުރައްވާފައެވެ. 8 ސެޕްޓެމްބަރު 2017 އިން 03 ސެޕްޓެމްބަރު 2022 އަށް ފާދިއްޕޮޅު ހިންނަވަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމު އަދި 4 ސެޕްޓެމްބަރު 2022 އިން ފެށިގެން ފާދިއްޕޮޅު ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމު ފުރުއްވަމުން ގެންދެވި އަލްއުސްތާޛު ސުލައިމާން މުޙައްމަދު ޝަރުޢީ ދާއިރާ ގައި 12 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވާފައިވެއެވެ.
އަލްއުސްތާޛު އަޙްމަދު ތައުފީޤު ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންއިން ބެޗްލަރ އޮފް ލޯސް އަދި މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލް ކުރައްވާފައެވެ. ޝަރުޢީ ދާއިރާގައި 18 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ އަލްއުސްތާޛު އަޙްމަދު ތައުފީޤު ވަނީ އެޓަރނީ ޖެނެރަލް އޮފީހުގައި އެސިސްޓެންޓް ސްޓޭޓް އެޓަރނީގެ މަޤާމާއި، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓަރގެ މަޤާމް އަދި ސީނިއަރ ޕަބްލިކް ޕްރޮސެކިއުޓަރގެ މަޤާމު ފުރުއްވާފައެވެ.
އަލްއުސްތާޛު މުޙައްމަދު ޢަބްދުﷲ ވަނީ އިންޑިއާގެ ކަރުނާޓަކާ ސްޓޭޓް ލޯ ޔުނިވަރސިޓީން ބެޗްލަރ އޮފް އާރޓްސް އެންޑް ބެޗްލަރ އޮފް އެލް.އެލް.ބީ އޮނަރސް ހާސިލް ކުރައްވާފައެވެ. ޝަރުޢީ ދާއިރާގައި 08 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ އަލްއުސްތާޛު މުޙައްމަދު ޢަބްދުﷲ ވަނީ ސެޕްޓެންބަރު 2017 އިން ފެށިގެން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގައި ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރގެ މަޤާމު ފުރުއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް