ރައީސް މުޢިއްޒުގެ ދަތުރުފުޅުތަކަށް މިހާތަނަށް 36 މިލިއަނަށް ވުރެއް ގިނަ ރުފިޔާ ހަރަދުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެތެރެ އަތޮޅުތަކާއި ރާއްޖެއިން ބޭރަށް ޖުމްލަ 51 ދަތުރުފުޅުކުރައްވާފައެވެ -- ގްރެފިކްސް: ރައްޔިތުންގެ ނޫސް
2023 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރާއްޖެތެރެ އަތޮޅުތަކާއި ރާއްޖެއިން ބޭރަށް ދަތުރުކުރެއްވުމަށް ދައުލަތުގެ ބަޖެޓުން 36 މިލިއަނެއްހައި ރުފިޔާ ހަރަދުކުރެއްވިކަން ހާމަވެއްޖެއެވެ.
މައުލޫމާތު ހޯދާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ ނޫހުގެ ނޫސްވެރިޔަކު އެދުނީ ރައީސުލްޖުމްހޫރިއްޔާ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން 2026 ވަނަ އަހަރުގެ މާރޗް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތަކުގެ މައުލޫމާތާއި ހަރަދުތަކާއި، އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތަފުސީލު ހިއްސާކުރުމަށެވެ.
އެގޮތުން، ރައީސް އޮފީހުން ހިއްސާކުރި ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އަތޮޅުތަކާއި ރާއްޖެއިން ބޭރަށް ޖުމްލަ 51 ދަތުރުފުޅުކުރައްވާފައެވެ. އެގޮތުން ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތަކަށް ޖުމްލަ 22 މިލިއަނަށް ވުރެެ ގިނަ ރުފިޔާ ހަރަދުކުރައްވާފައިވާއިރު، އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކަށް 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކުރައްވާފައެވެ. އެހެންކަމުން ރައީސް މުއިއްޒު ވަނީ އަތޮޅުތަކާއި ރާއްޖެއިން ބޭރަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކަށް ދައލަތުގެ ބަޖެޓުން ކުރެވުނު ޚަރަދު 36 މިލިޔަނަށް ވުރެ މައްޗެވެ،
ބޭރަށް ކުރެއްވި 18 ދަތުރަކަށް 22 މިލިއަނަށް ވުރެއް ގިނަ ރުފިޔާ
ރައީސް އޮފީހުން ހިއްސާކުރި މައުލޫމާތުން ހާމަވާގޮތުގައި ރައީސް މުޢިއްޒު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތަކަށް އެކަނި ދައުލަތުން 22 މިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ. އެގޮތުން 17 ނޮވެމްބަރު 2023 އިން 21 ޑިސެމްބަރު 2024 ނިޔަލަށް ޖުމްލަ 7 ދަތުރުކުރައްވާފައިވާއިރު، އެ ދަތުރުތަކަށް 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ރާއްޖޭއިން ބޭރަށް ކުރެއްވި 8 ދަތުރުފުޅުގެ ޖުމްލަ ހަރަދު (17ނޮވެމްބަރު 2023 އިން 21 ޑިސެމްބަރ 2024): 16،940،288.74 ރުފިޔާ
ރައީސުލްޖުމްހޫރިއްޔާ ރާއްޖޭއިން ބޭރަށް ކުރެއްވި 7 ދަތުރުފުޅުގެ ޖުމްލަ ހަރަދު (2025 ޖަނަވަރީ 1 އިން 31 ޑިސެމްބަރު 2025): 3،532،751.1 ރުފިޔާ
ރައީސުލްޖުމްހޫރިއްޔާ ރާއްޖޭއިން ބޭރަށް ކުރެއްވި 3 ދަތުރުފުޅުގެ ޖުމްލަ ހަރަދު (2026): 2،134،891.66
ނޮވެމްބަރު 17، ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް މުއިއްޒު ރާއްޖޭން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުކަމަށްވާ ތުރުކީއަށާއި އެކުވެރި އަރަބި އިމާރާތަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ 3 މިލިއަނަށް ވުރެއް ގިނަ ދިވެހި ރުފިޔާ ހަރަދުކުރައްވާފައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި 11 ބޭފުޅުންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ތަފާސްހިސާބުތަކުން ހާމަވާގޮތުގައި އެންޓިގުއާ އަދި ބާބިއުޑާގައި ބޭއްވި ކުދި ޖަޒީރާ ޤައުމުތަކުގެ ކޮންފަރެންސްގައި ބައިވެރިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅަށް 4 މިލިއަނަށް ވުރެއް ގިނަ ދިވެހި ރުފިޔާ ހަރަދުކުރައްވާފައެވެ.
އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 2026 ވަނަ އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއިން ބޭރަށް ކުރެއްވި 18 ދަތުރުފުޅުގައި ވަނީ ޖުމްލަ 22،607،931.5 ރުފިޔާ ހަރަދުކުރައްވާފައެވެ.
ރާއްޖެތެރޭ ދަތުރުތަކަށް 14 މިލިއަނަށް ވުރެއް ގިނަ ރުފިޔާ
ރާއްޖޭއިން ބޭރުގެ ދަތުރުތަކުގެ އިތުރުން ރައީސް މުޢިއްޒު ވަނީ ރާއްޖެތެރެއަށް ވެސް ޖުމްލަ 33 ދަތުރުކުރައްވާފައެވެ. އެގޮތުން، ރައީސް އޮފީހުގެ ފަރާތުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު ރައީސް މުޢިއްޒު ވަނީ ރާއްޖެތެރެއަށް ކުރެއްވި ދަތުރުފުޅުތަކުގައި ޖުމްލަ 14 މިލިއަނަށް ވުރެއް ގިނަ ރުފިޔާ ހަރަދުކޮށްފައެވެ. އެގޮތުން 2025 ވަނަ އަހަރު އެމަނިކުފާނު ޖުމްލަ 23 ދަތުރު ކުރެއްވިއިރު، 10 މިލިއަނެއްހާ ރުފިޔާ މި ދަތުރުތަކަށް ވަނީ ދައުލަތުން ހަރަދުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ އެކި ރަށްރަށަށް ކުރެއްވި 9 ދަތުރުފުޅުގެ ހަރަދު 2024: 4،162،193.54 ރުފިޔާ
ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ އެކި ރަށްރަށަށް ކުރެއްވި 23 ދަތުރުފުޅުގެ ހަރަދު 2025: 9،873،432.91 ރުފިޔާ
ރައީސުލްޖުމްހޫރިއްޔާ މިއަހަރު ނ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ހަރަދު : 773.24 ރުފިޔާ
އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ރަށްރަށަށް ކުރެއްވި 33 ދަތުރުފުޅަށް ވަނީ ޖުމްލަ 14،036،399.69 ރުފިޔާ ހަރަދުކުރައްވާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ހަރަދު ގިނަވެގެން 15 ދުވަސް ތެރޭގައި ހާމަކުރާނެ ކަމަށް 2023 ވަނަ އަހަރު ރައީސް އޮފީހުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް