މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ދައުވާތައް އަނބުރާ ގެންދަން ކުރީގެ ރައީސް ނަޝީދު ގޮވާލައްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު އެމްޑީޕީން މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިޔުމަށް، އެމްޑީޕީގެ ޗެއާޕަރސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު މިކަމަށް ގޮވާލެއްވީ، މުޒާހަރާއިން ހައްޔަރުކުރި މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީޢަތްތައް މިއަދު ފެށުމާއި ގުޅިގެން މިއަދު ކްރިމިނަލް ކޯޓުކައިރީގައި ހުންނަވައި "ރާއްޖެ ޓީވީ"އަށް ދެއްވި ބަސްދީގަތުމުގައެވެ.
ރައީސް ނަޝީދު ވިދާޅުވީ، ޕީޖީ އުފުލާފައިވާ އެދައުވާތަކަކީ، ސިޔާސީ ކުލަޖެހިފައިވާ އަދި ސިޔާސީ މަޤުޞަދެއްގައި ކުރާ ދައުވާތަކެއް ކަމަށެވެ. އަދި އެފަދަ ދައުވާތައް ރައީސް މައުމޫނުގެ ދައުރުގެ ފަހުކޮޅު ވަރަށް ގިނައިން މީހުންގެ މައްޗަށް އުފުލަމުން ދިޔަ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، އެދައުވާތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ލިބޭނެ މޮޅެއް އަދި ފައިދާއެއްވެސް ނެތްކަމަށެވެ. އަދި އެފަދަ ދައުވާތައް ކުރުމަކީ، ރާއްޖެގެ އަދުލު އިންސާފުގެ ނިޒާމަށްވެސް ލިބޭ ގެއްލުމެއްގެ ގޮތުގައި ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައވެެ.
އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކުރި 8 މީހެއްގެ މައްޗަށް، ޕީޖީ ހުށައަޅުއްވާފައި ވަނީ، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާއެވެ. އެދައުވާތައް އުފުލާފައިވާ މީހުންގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މަޢުރޫފް ޒާކިރާއި، މާލޭ ސިޓީކައުންސިލްގެ ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ފާޠިމަތު ޒަހިއްޔާ (ޒާޔާ) ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް