Post banner
ރަށްރަށުން

ރ އިންނަމާދޫ އ.ތ.މ ކޮމެޓީގެ 4 ވަނަ ޤުރްޢާން މުބާރާތް ބާއްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރ އިންނަމާދޫ އ.ތ.މ ކޮމެޓީގެ 4 ވަނަ ޤުރްޢާން މުބާރާތް ބާއްވައިފި

ރ އިންނަމާދޫ އ.ތ.މ ކޮމެޓީގެ 4 ވަނަ ޤުރްޢާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ ---

ރ އިންނަމާދޫ އ.ތ.މ ކޮމެޓީގެ 4 ވަނަ ޤުރްޢާން މުބާރާތް އިއްޔެ ނިންމާލައިފިއެވެ.

ތުއްތު ކުދިންނާއި ސްކޫލް ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖެއްސުމާއި، ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމާއި، ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތްތަކުގައި ތަމްސީލުކުރާނެ ޤާބިލް ކުދިން އުފެއްދުމަށް ބާރުއެޅުމަށް އަދި ކީރިތި ޤުރްއާނަށް ލޯބިކުރާ ކުދިން އުފެއްދުމުގެ މަޤްސަދުގައި ކުރިޔަށް ގެންދާ މިމުބާރާތަކީ އިންނަމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ މުބާރާތެކެވެ.

ބަލައިގެން ކިޔެވުމާއި ނުބަލާ ކިޔެވުމުގެ ގޮފީގައި 16 އަހަރުން ދަށުގެ ސްކޫލް ދަރިވަރުންނަށް އަދި ތުއްތު ކުދިންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ 72 ކުދިން ބައިވެރިވެ، 71 ކުދިން ކިޔަވާފައިވެއެވެ. މުބާރާތުގެ އެކި އުމުރުފުރާތައް ވަކިން އަދި މުޅި މުބާރާތުގެ ވެސް ވަނަތަކަށް ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ދެވޭނެ ކަމަށް އިންނަމާދޫ އ.ތ.މ ކޮމިޓީން މައުލޫމާތު ދެއެވެ.

" ބޭނުންވަނީ ‎އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް، ތަޖުވީދުގެ ހަމަތަކުން ރީތިކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދޭން އަދި މިއީ ރަށުގެ ދަރިވަރުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ކީރިތި ޤުރުއާނަށް އަހުލުވެރި ޖީލެއް ބިނާކުރުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއް." ރައްޔިތުންގެ ނޫހާއި ވާހަކަ ދައްކަވަމުން ކޮމެޓީގެ ރައީސާ ފާޠިމަތު ނިޙާ ވިދާޅުވިއެވެ

‎ހަމައެއާއެކު، މި މުބާރާތް ބޭއްވުމަށްޓަކައި މި މާލަން ތައްޔާރުކުރުމުގައާއި، އިންތިޒާމީ އެކި ކަންކަމުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ޚާއްޞަކޮށް، މިކަމަށްޓަކައި ވަގުތު ހުސްކޮށް، ތަނުގެ ތައްޔާރީތަކުގައި އަތްގާތްކޮށްދެއްވީތީ ކައުންސިލާއި އިދާރީ މުވައްޒަފުންނާއި ހެޔޮއެދޭ ފަރާތްތަކުގެ މަސައްކަތް އުފަލާއިއެކު ފާހަގަކުރާކަމުގައި ކޮމެޓީގެ ރައީސާ ފާޠިމަތު ނިޙާ ވިިދާޅުވިއެވެ.

07 އޮގަސްޓް އިން ފެށިގެން 2 ދުވަހުގެ މުއްދަތަށް އިންނަމާދޫ ޕްރީ ސްކޫލްގައި ކުރިޔަށް ދިޔަ މިމުބާރާތުގެ އިނާމް ދިނުމުގެ ޖަލްސާ މިހަފްތާތެރޭގައި ބާއްވާނެ ކަމުގައި، ރ އިންނަމާދޫ އ.ތ.މ ކޮމެޓީން ވަނީ މައުލޫމާތު ދެއްވާފައެވެ.

ހަބަރުލިޔުނީ: ޙަސަން ސާތިޢު - ރަށު ރިޕޯޓަރ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް