Post banner
ރާއްޖެ

ނިޔާވި ފުލުސް އޮފިސަރަށް މަޤާމުގެ ކުރިއެރުން ދެއްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ނިޔާވި ފުލުސް އޮފިސަރަށް މަޤާމުގެ ކުރިއެރުން ދެއްވައިފި

ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާސިފް --

ޕޮލިސް ލޯންޗު 57ގައި ޑިއުޓީގައި ހުއްޓައި ގެއްލިގެން ހޯދަމުން ދަނިކޮށް ނިޔާވެފައި އޮއްވައި ފެނުނު ސީނިއަރ ސަރޖަންޓް އަޙްމަދު އާސިފަށް މަޤާމުގެ ކުރިއެރުން ދެއްވައިފިއެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ސީނިއާ ސާޖަންޓް އަޙްމަދު އާސިފް (ސާވިސް ނަންބަރު: 4702) ދެއްކެވި ނަމޫނާ މަސައްކަތާއި، މަސައްކަތަށް ބެހެއްޓެވި ފަރުވާތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން، އަޙްމަދު އާސިފަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކަށް މިއަދު ވަނީ ބަދަލުކުރައްވާފައެވެ.

ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާސިފް ނިޔާވީ 2026 ޖޫން 11 ވަނަ ދުވަހުގެ ދަންވަރު ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ކަމަށާއި، އަޙްމަދު އާސިފްގެ ވަކިވެދިއުމަކީ މުއައްސަސާއަށާއި، އަޙްމަދު އާސިފް ވަފާތެރިކަމާއެކު ޚިދުމަތްކުރެއްވި މި ގައުމަށް ލިބުނު ފުން ހިތާމައެއް ކަމުގައި ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައި ވެއެވެ.

އާސިފު ނިޔާވި ފަހުން އޭނާއަށް ދެއްވި މި މަގާމުގެ ކުރިއެރުމަކީ، މުޖުތަމައުގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެއްވުމުގައި އަޙްމަދު އާސިފް އަދާކުރެއްވި އިހުލާސްތެރި ދައުރާއި، ކުރެއްވި މަތިވެރި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވުނު ޝަރަފެއްކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގައި އަޙްމަދު އާސިފް ދެއްކެވި ނަމޫނާއާއި، ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ހަނދާންތައް އަބަދުވެސް އާކުރެވޭނީ ނުހަނު އިހުތިރާމާއި އެކުގައި ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

އާސިފް ނިޔާވި ހާދިސާ ހިނގި ގޮތާއި ގުޅޭ ގޮތުން މިހާތަނަށް އަދި ފުލުހުން ތަފްސީލް މައުލޫމާތެއް ޙިއްޞާކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް