މަޖީދީމަގުގައި މުޒާހަރާކުރިޔަށް ގެންދަން ފުރުސަތު ނުދޭނެކަމަށް ވިދާޅުވުމުން އެމްޑީޕީން އެކަން ކުއްވެރިކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ދަތިވެއްޖެ މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން ބެނާ ދަމަނީ -- ފޮޓޯ: އެމްޑީޕީ
'ދަތިވެއްޖެ' ނަމުގައި މާދަމާރޭ އެމްޑީޕީން މާލޭގައި ބާއްވާ މުޒާހަރާ، މަޖީދީމަގުގައި ކުރިޔަށް ގެންދަން ފުރުޞަތު ނުދެވޭނެ ކަމުގައި ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވުމުން އެމްޑީޕީން އެކަން ކުއްވެރިކޮށްފިއެވެ.
މިނިސްޓަރ އިޙްސާން އެހެން ވިދާޅުވީ، އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ވަޒީރުންނާއި ސުވާލު ކުރުމުގެ ވަގުތުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އެވާހަކަފުޅުތައް ކުއްވެރިކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ކުރިޔަށް ދާއިރު، މުޒާހަރާ ކުރިޔަށް ގެންދަން ބޭނުން ވަނީ މަޖީދީމަގުގައިކަން، ފުލުހުންނާއި އެކުބޭއްވެވި ބައްދަލުވުމުގައި ފުލުހުންނަށް ދަންނަވާފައިވާ ކަމަށެވެ. އެހެންކަމުން މިނިސްޓަރު އިޙްސާންގެ ވާހަކަފުޅަކީ، ފުލުހުންގެ ފަރާތުން ދީފައި އޮތް ކަށަވަރުކަމާ ހިލާފަށް، ފުލުހުންގެ ބަހުގެ އިތުބާރު ގެއްލޭ ގޮތަށް މިނިސްޓަރު ދައްކަވާފައިވާ ވާހަކަފުޅެއް ކަމުގައި އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ، ސުލްހަވެރިކަމާއެކު ކުރާ އިހުތިޖާޖުތަކަކީ ޑިމޮކްރެސީގެ އަސާސެއް ކަމަށެވެ. އެ އަސާސީ ހައްގުގެ ބޭނުންކޮށް، އިހުތިޖާޖު ކުރުމުގެ ފުރުސަތު ނުދޭނޭކަމަށް މިނިސްޓަރު ވިދާޅުވި ވާހަކަފުޅަކީ، އެއީ ޑިމޮކްރެޓިކް އުސޫލުތަކަށް އިހުތިރާމު ނުކުރާ ސަރުކާރެއްކަން ހާމަކޮށް އާންމުކޮށް ކުރެއްވި އިއުލާނެއް ކަމަށާއި، އެހެންވެ މިނިސްޓަރުގެ ވާހަކަފުޅު އެ ޕާޓީން ކުށްވެރިކުރާ ކަމުގައިވެސް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ، އެ ޕާޓީން 'ދަތިވެއްޖެ' ގެ ނަމުގައި މުޒާހަރާކުރަން ނިންމީ މި ސަރުކާރުގެ ދޯހަޅި އިގްތިސާދީ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް އިންތިހާއަށް ދަތިވެފައިވާތީ، ރައްޔިތުންގެ ޝުއޫރު ހުރިގޮތް ސަރުކާރަށް އިއްވުމަކީ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން މި ޕާޓީގެ ޒިންމާއެއްކަމަށް ދެކޭތީ ކުރިޔަށް ގެންދާ މުޒާހަރާއެއް ކަމަށެވެ. އަދި މި މުޒާހަރާކުރުމަށް މަޖީދީ މަގު ހިޔާރުކުރީ ވީހާވެސް ގިނަ ބަޔަކަށް މުޒާހަރާގައި ބައިވެރިވުމުގެ ފުރުސަތު ހޯދައި ދިނުމަށާއި ވީހާވެސް ގިނަ ބަޔަކަށް މި އަޑު އިއްވުމަށް ކަމުގައިވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
އެމްޑީޕީގެ މުޒާހަރާ ފަށާނީ، މާދަމާރޭ 8:30ގައި ސޯޝަލް ސެންޓަރު ކައިރިން މަޖީދީމަގުން ކަމުގައި އެޕާޓީން ވަނީ އިޢުލާނުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް