ކަޅު ބާޒާރުަގައި ޑޮލަރުގެ އަގު 22ރ އަށް ވުރެ މަތިވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެމެރިކާ ޑޮލަރުތަކެއް --- ފޮޓޯ: ރައްޔިތުންގެ ނޫސް
ރާއްޖޭގައި ދިމާވެފައި ޑޮލަރުގެ ދަތިކަމާއިއެކު އުފެދިފައިވާ ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު 22ރ އިން މައްޗަށް އަރައިފިއެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ޑޮލަރު އަގު މަތިވެ، ދިވެހި ފައިސާގެ އަގު މިހާބޮޑަށް ވެއްޓިގެން ދިޔަ ފުރަތަމަ ފަހަރެވެ. ކަޅުބާޒާރުގައި ޑޮލަރު ވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތަކުން މިއަދު ޑޮލަރެއް ވިއްކަނީ، 22 ރުފިޔާ 10 ލާރިއަށެވެ.
އެމްއެމްއޭއިން ރަސްމީކޮށް ބޭރު ފައިސާ މާރުކުރުމުގެ ހުއްދަ ދޫކޮށްފައިވާ ތަންތަނުވެސް، ޑޮލަރު ގަނެ ވިއްކަނީ، މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑުކޮށެވެ. ރާއްޖޭގައި ރަސްމީކޮށް ޑޮލަރުގެ އަގުގެ ގޮތުގައި ކަނޑައަޅާފައި އޮންނަނީ 15ރުފިޔާ 42 ލާރިއެވެ.
ރާއްޖޭގައި އުފެދިފައިވާ ޑޮލަރުގެ ކަޅުބާޒާރު ނައްތާލުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ އެއްވެސް ނަތީޖާއެއް ނުފެނެއެވެ. މީގެ އިތުރުން ޤައުމީ ބޭންކް، ބީއެމްއެލްއަށްވެސް ޑޮލަރުގެ ތާށިކަށް ބޮޑުވެ ގިނަ ފިޔަވަޅުތަކެއް މިހާރުވެސް އޮތީ އަޅާފައެވެ.
އިޤުތިޞާދީ ދާއިރާގެ ތަޖުރިބާކާރުން ލަފާކުރައްވާ ގޮތުގައި، ރާއްޖޭގައި ޑޮލަރުގެ އަގު އުފުލި ދިވެހިފައިސާގެ އަގު ވެއްޓެމުން ދިޔުމުގެ މައިގަނޑު ސަބަބަކީ، ސަރުކާރުގެ މާލީ ސިޔާސަތުތައް ފޭލްވެފައި ވުމެވެ. މިގޮތުން، ޕެންޝަން ފަންޑުން 2.2 ބިލިއަން ރުފިޔާ ނެގުމުގެ މުއާމަލާތަކީ، ފައިސާ ޗާޕުކުރުން ކަމަށްވެސް އިޤުތިޞާދީ މާހިރުން ވިދާޅުވެފައި ވެއެވެ.
ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޤުތިޞާދީ ކާރިސާގައި، ރާއްޖެއަކީ އިމްޕޯޓަށް މުޅިން ބަރޯސާވެފައިވާ ޤައުމަކަށް ވުމުން، ޑޮލަރުގެ އަގުމަތިވެ، ދިވެހިފައިސާގެ އަގު ވެއްޓެމުން ދިޔުމުގެ ސަބަބުން، މުދަލާއި ޚިދުމަތްތަކުގެ އަގު ބޮޑުވެ އާއްމު ރައްޔިތުންނަށް ކުރިމަތިވާ ތަކްލީފުތައް ބޮޑުވެގެން ދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް