ޑޮލަރު ރޭޓް މިހާރު ކަނޑައަޅަނީ ކުރީގެ ރައީސުން ކަމުގައި މިނިސްޓަރ ސަޢީދު ވިދާޅުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ---
ރާއްޖޭގައި ޑޮލަރު ރޭޓް މިހާރު ކަނޑައަޅުއްވަނީ، ކުރީގެ ރައީސުންކަމުގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ އިޤުތިޞާދީ ހާލަތާއި ގުޅޭގޮތުން ފާޅުކުރާ ކަންބޮޑުވުންތަކާއި، އަދި މިރޭ އެމްޑީޕީން ބާއްވަން އުޅޭ މުޒާހަރާ އާއި ގުޅުވައި ސޯޝަލްމީޑިއާގައި އާއްމުކުރެއްވި ވީޑިއޯ ޕޯސްޓެއްގައެވެ.
ޑޮލަރުގެ މައްސަލައިގައި ވާހަކަފުޅު ދައްކަވަމުން ސަޢީދު ވިދާޅުވީ، އެމްޑީޕީ ސަރުކާރުގެ ދުވަސްވަރަށް ވުރެ މާގިނައިން މިސަރުކާރުން، ރައްޔިތުންގެ ބޭނުންތަކަށާއި އިމްޕޯޓަށް ޑޮލަރު ދޫކޮށްފައިވާ ކަމަށެވެ. މިގޮތުން އަހަރުތަކުގެ ތަފާސް ހިސާބު އަޅާކިޔުއްވި އިރު، ކޯވިޑް-19ގެ ޢާލަމީ ވަބާގައި މުޅި ދުނިޔެ އާއި ރާއްޖެ ފުރަބަންދުވެފައި އޮތްކަމާއި، ބޭސްފަރުވާއަށް އަދި އެނޫން ބޭނުންތަކަށް މީހުންނަށް ރާއްޖެއިން ބޭރަށް ދަތުރު ނުކުރެވޭކަން މިނިސްޓަރ ސަޢީދު ފާހަގަކުރައްވާފައެއް ނުވެއެވެ.
"މެޑިކަލް ބޭސްފަރުވާއަށް ބަލައިފި ކަމަށް ވަންޏާ 2021 ވަނަ އަހަރު، 159000 ޑޮލަރު މެޑިކަލް ބޭނުންތަކަށް ދޫކޮށްފައި. އަޅުގަނޑު މިއަދަދު ކުޑަވީމަ 2022 ވަނަ އަހަރު ވެސް ބަލާލާނަން 2022 ވަނަ އަހަރަށް ބަލާއިރުވެސް ގާތްގަނޑަކަށް 3 ލައްކަ ޑޮލަރުވެސް ނުޖެހޭ. މިހާރު އެއަދަދަށް ބަލާއިރު، މަހަކު 3 މިލިއަން ޑޮލަރު ރަސްމީ ރޭޓުގައި އެބަ ދޫކުރޭ" މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.
މިނިސްޓަރ ސަޢީދު ތުހުމަތު ކުރެއްވި ގޮތުގައި، ރާއްޖޭގައި ބްލެކްމާކެޓަށް ހިއްވަރު ދެނީ ކުރީގެ ރައީސުންނާއި ބައެއް ނޫސްތަކުންނެވެ. އަދި ބްލެކްމާކެޓް ހިނގަނީ، ޑޮލަރު ލިބޭ ފަރާތްތަކުން ބޭންކަށް ޑޮލަރު ނުވައްދާ ވިއްކާތީ ކަމުގައި މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.
"އެކަމަށް ހިއްވަރު މިދެނީ، މިދަންނަވާ ނިއުސް ޕޭޕަރުތަކުގެ ހެޑްލައިނާއި، މިހާރު ވަކިން ޚާއްޞަކޮށް ހަމަ، ރާއްޖޭގެ ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުން، ހެނދުނު އެއްބޭފުޅަކު، ހަވީރު އަނެއް ބޭފުޅަކު، ރޭޓު މިސެޓް ކުރައްވަނީ އިނގޭތޯ؟" މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ، ޑޮލަރު ނުލިބިގެން އުޅޭ މީހަކާއި ދިމާ ނުވާކަމަށާއި، އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތަކީ، ރާއްޖޭގެ އިޤުތިޞާދު ހަލާކުކޮށްލުމުގެ މަސައްކަތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް