ފެހި ޤާނޫނު އަސާސީއަށް 18 އަހަރު: ފައިސަލް ފާހަގަކުރެއްވީ މިސްރާބު ކަސިޔާރުވެފައިވާކަން
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފެހި ޤާނޫނުއަސާސީ އަށް މިއަދު 18 އަހަރު ފުރުނު އިރު، މިއަދު ރައްޔިތުންގެ ހިތްތަކުގައި ޤައުމު ދާންޖެހޭ މިސްރާބަށް ނުދިޔުމުގެ ކަންބޮޑުވުން ވަރަށް ބޮޑަށް އެބަ އޮތް ކަމުގައި، ފެހި ޤާނޫނު އަސާސީ އެކުލަވާލި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެމްބަރުކަމާއި، އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުވެސް ފުރުއްވާފައިވާ ފައިސަލް ނަސީމް ވިދާޅުވެއެވެ.
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ފެހި ޤާނޫނު އަސާސީގެ އަހަރީ ދުވަހުގެ މުނާޞަބަތާއި ގުޅުވައި އާއްމު ކުރެއްވި ލިޔުއްވުމުގައެވެ.
ފައިސަލް ނަސީމް ވިދާޅުވީ، ފެހި ޤާނޫނުއަސާސީ އަށް މިއަދު 18 އަހަރު ފުރިގެންދާއިރު، ވެރިކަމުގެ ހަތަރު ދައުރެއް ރައްޔިތުންނަށް ވަނީ ފެނިފައި އެވެ. ވޭތުވެ ދިޔަ 18 އަހަރުގެ ތެރޭގައި ފެނިގެން ދިޔަ ވެރިކަންތަކުގެ ތެރެއިން، ރާއްޖެ އަށް ތަފާތު ހެޔޮ ބަދަލުތައް ވެސް އައި ކަމަށެވެ. އެެހެން ނަމަވެސް، ފެހި ޤާނޫނުއަސާސީގައި އިންތައް ވަކި ކުރި ގޮތާ ޚިލާފަށް، އެއް ބާރުގެ ނުފޫޒު އަނެއް ބާރުގެ މައްޗަށް މިހާރު އިންތިހާ އަށް އޮތުމުގެ ސަބަބުން، ޤައުމު ދާންޖެހޭ މިސްރާބަށް ނުދިޔުމުގެ ކަންބޮޑުވުން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑުކަމުގައި ފައިސަލް ވަނީ ފާހަކަ ކުރައްވާފައެވެ.
ފައިސަަލް ނަސީމް ވިދާޅުވީ، 2004 އިން 2008 ވަނަ އަހަރާ ދެމެދު، ޤާނޫނުއަސާސީ އެކުލަވައިލުމަށްޓަކައި ކުރި މަސައްކަތުގައި ވަރަށް ފޮނި އުންމީދުތަކެއް ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް، އެ އުންމީދުތަކުން ރައްޔިތުންނަށް ހާސިލުވި މިންވަރާ ދޭތެރޭގައި ވިސްނާލުމަކީ ވެސް މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ފައިސަލް ވަނީ ވިދާޅުވެފައެވެ.
ފައިސަލް އިތުރަށް ވިދާޅުވީ، އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި، ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮންނަ ހެޔޮވެރިކަމުގެ ނިޒާމެއް ޤާއިމުކޮށް، އިޤްތިޞާދީ ގޮތުން ފުދުންތެރި ޤައުމަކަށް ހަދައި، ރައްޔިތުންނަށް ހަމަޖެހުމާއި ކުރިއެރުން ހޯދުމަށްޓަކައި ޤާނޫނުއަސާސީ އަށް އިސްލާޙުތަކެއް ގެންނަން ޖެހޭ ކަމަށެވެ. މިގޮތުން އިސްލާޙް ގެންނަން ފެންނަ، މައިގަނޑު 14 ކަމެއް ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ.
އޭގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކުރުން، ޖޭއެސްސީއަށް މެމްބަރުން އައްޔަނުކުރާގޮތަށް ބަދަލު ގެނައުމާއި އެކު އުއްތަމަ ފަނޑިޔާރު ޢައްޔަނުކުރާގޮތަށް ބަދަލު ގެނައުންވެސް ހިމެނެއެވެ. މީގެ އިތުރުން މިނިވަން މުއައްސަސާތަކަށް މީހުން އައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް ނޯންނަ ގޮތަށް ބަދަލު ކުރުމާއި، ސިޔާސީ ވަޒީފާތަކަށް މީހުން ނެގޭ އަދަދި ކޮންޓްރޯލް ކުރުންވެސް ހިމެނެއެވެ.
ފެހި ޤާނޫނުއަސާސީ އަށް މިއަދު 18 އަހަރު ފުރުނު އިރު، ޤާނޫނު އަސާސީ އަށާއި ވެރިކަމުގެ ނިޒާމަށް ބަދަލުތައް ގެންނަން ޖެހޭ ކަމުގައި، ރާއްޖޭގެ ސިޔާސީ އެހެން ބޭފުޅުންނާއި، ޤާނޫނީ ދާއިރާގެ ބޭފުޅުންވެސް ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް