Post banner
ރާއްޖެ

ޑޮލަރެއްގެ އަގު 19ރ އަށް ތިރިކޮށްދޭން ރައީސް ނަޝީދު ސަރުކާރަށް ގޮވާލައްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޑޮލަރެއްގެ އަގު 19ރ އަށް ތިރިކޮށްދޭން ރައީސް ނަޝީދު ސަރުކާރަށް ގޮވާލައްވައިފި

އެމްޑީޕީގެ ޗެއާޕަރސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ---

ރާއްޖޭގައި ޑޮލަރެއްގެ އަގު 22ރއަށް ވުރެ މައްޗަށް ގޮސްފައި ވާއިރު، ޑޮލަރުގެ އަގު، 10 ދުވަހުގެ ތެރޭގައި 19 ރުފިޔާއަށް ތިރިކޮށްދިނުމަށް، އެމްޑީޕީގެ ޗެއާޕަރސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު މިކަމަށް ގޮވާލެއްވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ، ޑޮލަރުގެ އަގު ތިރިކުރުމަށް، ބާރު އެޅުމަކީ، މާދަމާ ރޭގެ މުޒާހަރާގައި ސަރުކާރަށް އެމްޑީޕީން ޑިމާންޑެއްގެ ގޮތުގައި ހުށައަޅާނެ ކަމެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ޑިމާންޑަކީ، 10 ދުވަހުގެ ތެރޭގައި ޑޮލަރެއްގެ އަގު 19ރުފިޔާއަށް އަދި އެއްމަސް ދުވަހުގެ ތެރޭގައި 17ރ އަށް ތިރިކުރުން ކަމަށެވެ. މިގޮތުން 17ރ އަކީ، މިސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރެއްގެ އަގު ހުރި ހިސާބުކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

"10 ދުވަހުގެ ތެރޭގައި ޑޮލަރެއްގެ އަގު 19ރުފިޔާއަށް އަދި އެއްމަސް ދުވަހުގެ ތެރޭގައި 17ރ އަށް ތިރިކުރުމަށް އަޅުގަނޑުމެން މިގޮވާލަނީ. ދެން އަޅުގަނޑުމެންގެ ސަރުކާރެއްގައި އެގޮތަށް އެކަން ކުރެވިދާނެ ކަމަށް، އެކަމާއި ގުޅޭ ގޮތުން އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނެތް. ޑޮލަރުގެ އަގު ތިރިޔަށް ގެނައުމަށް އަޅަންޖެހޭ ފިޔަވަޅު ތަކަކީ، އިޤުތިޞާދީ ޢިލްމުގައި ވަރަށް ސާފުކޮށް އެނގެން އޮތް ކަންކަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ޑޮލަރުގެ އަގު ބޮޑުވާން ސަރުކާރުން ދޫކޮށްލާފައި އޮތުމަކީ އެމަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި ޑޮލަރުގެ މައްސަލައިގައި ރައްޔިތުންގެ އޮތް ކަންބޮޑުވުންތަކަށް ސަރުކާރުން ޖަވާބު ދެއްވާނެ ކަމުގައި އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޑޮލަރުގެ މައްސަލައިގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވަނީ، ކަޅުބާޒާރުގައި ޑޮލަރުގެ އަގު އުފުލެމުންދަނީ ދެނޫހެއްގައި ޖަހާ ސުރުޚީތަކުގެ ސަބަބުން ކަމުގައި ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން ސިޔާސީ ފަރާތްތަކުންނާއި، އާއްމުންވެސް އަންނަނީ ސަޢީދުގެ ވާހަކަފުޅަށް ފާޑުކިޔަމުންނެވެ.

ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު ވަނީ، 22ރ 10 ލާރިއަށް ވުރެ މައްޗަށް ގޮސްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް